ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތަކުރާރުކޮށް ތިމާވެއްޓާމެދު އިހުމާލުވަމުންދާތީ އެފަރާތްތަކަށް ފިޔަވަޅު އަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި އިޙުމާލުވާ ފަރާތްތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތިމާވެއްޓާއި މެދު އިހުމާލުވެ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ފަތުރުވެރިން ބައިތިއްބާ އެންމެހާ ތަންތަނަށް ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގައި 2019 އެޕްރީލް 16 އަދި މެއި 28 ގައި ސަރކިއުލައަކުން އަންގާފައިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
"އަދިވެސް ބައެް ފަރާތްތަކުން މިފަދަ ކަންކަމުގައި އިޙުމާލުވާތީ މިކަމާއި މެދު ފިޔަވަޅު އެޅުމަށް މި މިނިސްޓްރީން ވަނީ ނިންމާފައި." ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
ތިމާވެއްޓަށް އިހުމާލުވާ ރިސޯޓްތަކަށް ފިޔަވަޅުއަޅަން ޓޫރިޒަމް މިނިސްޓްރީން ނިންމިއިރު، ފަޅުރަށްރަށަށާއި މޫދަށް ކުނިއަޅާ މައްސަލަ ވަނީ ދާދި ފަހުން ހޫނުވެފައެވެ.