ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމަށް ވެބިނަރތަކެއް ބާއްވަނީ

ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމަށް ރާއްޖޭގެ ތިން ވުޒާރާއަކާއި ބޭރުގެ އެމްބަސީތަކާ ގުޅިގެން ތިން ސަރަހައްދެއްގައި ވެބިނަރތަކެއް ބޭއްވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވެބިނަރތައް ކުރިއަށް ގެންދާނީ އެ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކާ ގުޅިގެންނެވެ.

މި މަހުގެ 15، 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނަރތައް އަމާޒުކުރެވިފައިވަނީ އޭޝިއާ ޕެސިފިކް އަދި މެދު އިރުމަތި، ޔޫރަޕް އަދި ޔުނައިޓެޑް ސްޓޭޓްސް މި ތިން ސަރަހައްދަށެވެ. މި ވެބިނަރތަކުގައި ތިން ވުޒާރާގެ ކަމާ ގުޅުންހުރި ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމާއި، ތިމާވެށްޓާއި، އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ވެބިނަރތަކުގައި ބައިވެރިވާ އިންވެސްޓަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބިދެވޭނެއެވެ. އަދި ދާދިފަހުން ހުޅުވާލި ހަލާލް ފަތުރުވެރިކަމުގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ މައުލޫމާތުވެސް މި ސެޝަންތަކުގައި ހިއްސާކުރެވޭނެއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކޮންމެ ސަރަހައްދަކުން އެއް ރަށް ސަރުކާރުން ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފައެވެ. މި ރަށްތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު އޮކްޓޯބަރ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ