ނޭމާ ޕީއެސްޖީއާއެކު އާއެއްބަސްވުމަކަށް!

ބްރެޒިލްގެ ތަރި ނޭމާ މިހާރު ކުޅެމުން އަންނަ ޕީއެސްޖީއާއެކު އާއެއްބަސްވުމަކަށް އައުމަށް ތައްޔާރު ވެއްޖެކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ނޭމާ ގެންދަން ކުުރީގެ ބާސެލޯނާއިން މިދިޔަ ސީޒަންގައި ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކާމިޔާބުވެފައިނުވަނީ ޕީއެސްޖީއިން އެކަމަށް ހުރަސް އެޅުމުންނެވެ. ޚުދު ނޭމާވެސް އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާކަމަށް އޭރު ރިޕޯރޓްތަކުގައި ވެއެވެ.

ނަމަވެސް ރިޕޯރޓްތައް ބުނާގޮތުން ނޭމާއާއި ޕީއެސްޖީއާއި އޮންނަ ގުޅުން މިހާރު ވަރުގަދަވެފައިވާއިރު، އޭނާ ކްލަބުގައިި ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވެއެވެ. މީގެއިތުރުން މިދިޔަ އަހަރު ޕީއެސްޖީގެ އޮފިޝިއަލް ނޫސް މަޖައްލާއަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާކަމަށް ނޭމާ ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ނޭމާ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 30 ޖޫން 2022 އަށެވެ.

މިފަހަކަށް އައިސް ޔޫރަޕްގެ ގަދަ ކްލަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޕީއެސްޖީއަށް މަދުވަނީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޕީއެސްޖީއިން ޓީމު ވަރުގަދަކޮށް ގިނަ ޚަރަދުތަކެއް ކޮށްފައިވާއިރު ނޭމާއަކީ އެޕްރޮޖެކްޓްގެ ތެރެއިން ޕީއެސްޖީއަށް ގެނެސްފައިވާ ކުޅުންތެރިއެކެވެ.

މިދިޔަ ސީިޒަންގެ ފައިނަލަށް ޕީއެސްޖީއިން ދަތުރުކުރި ނަމަވެސް ފައިނަލްގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ޕީއެސްޖީ ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިސީޒަންގައި ނޭމާ ޕީއެސްޖީއަށް މިހާތަނަށް ކުޅެދީފައިވާ 12 މެޗުން 9 ގޯލް ކާމިޔާބުކޮށްފައިވެއެވެ. އެއީ ފްރެންޗް ލީގު 1 ގައި ކާމިޔާބުކުރި 3 ގޯލާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 6 ގޯލެވެ.

ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަމަހުން ފެށިގެން ކުޅުމާއި ދުރުގައި ހުރި ނޭމާ ޕީއެސްޖީއާއެކު ފަރިތަކުރުންތައް ފަށާފައިވާއިރު، މިރޭ މާސިއާލްއާއި ދެކޮޅަށް ކުޅޭ 'ޓްރޮފީ ދި ޗެމްޕިއަން' މެޗުގައި ކުޅޭ ޕީއެސްޖީގެ ސްކޮޑުގައި ނޭމާވަނީ ހިމަނާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ