މިއަހަރުގެ މިހާތަނަށް ވައްކަމުގެ 178 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގައި ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ވައްކަމުގެ 4552 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އަދި ފާއިތުވި އަހަރު 3581 މައްސަލައެއް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 178 މައްސަލައެއް ހުށަހަޅާފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ވައްކަމުގެ މައްސަލަތައް އިތުރުވިޔަ ނުދިނުމާއި މިފަދަ މައްސަލަތައް މަދުކުރުމަށް މާލެއާއި އަތޮޅުތަކުގައި ފުލުހުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށާއި އެގޮތުން މިފަދަ މައްސަލަތައް މަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައްވެސް ސިލްސިލާކޮށް ކުރިއަށް ގެންދާކަމަށެވެ.
ވައްކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންނޫނީ ހުއްޓުވޭނެ ކަންކަމެއް ނޫނެވެ. ފުރަތަމަ ކަމަކީ ފަރުދީ ޒިންމާ އަދާކުރުމެވެ. ގެންގުޅޭ އަގުބޮޑު ފޯނާއި ލެޕްޓޮޕް، ވޮލެޓް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ގެންގުޅޭ ފަރާތުގެ ޒިންމާއެކެވެ. ބޭރުތެރޭގައި އުޅޭއިރު މިފަދަ އަގުބޮޑެތި ތަކެތި އެހެން މީހުންނަށް ފެންނާނެހެން ހާމަކޮށްފައި ނުބެހެއްޓުން ބުއްދިވެރިއެވެ. އަދި ގޭގައި ހުންނަ އަގުބޮޑެތި ތަކެތިވެސް ހާމަކަންބޮޑު ގޮތެއްގައި ބެހެއްޓުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.
ހަނދާންނެތިގެންވެސް ގޭ ދޮރު ތަޅުނުލާ ބެހެއްޓިދާނެއެވެ. ގެއިން ބޭރަށް ކުޑަ ވަގުތުކޮޅަކަށް ދިޔަ ނަމަވެސް ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަގީން ކުރަންވާނެއެވެ. ބޭރުގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ އެހެން ތަނެއްގައިވިޔަސް ތަޅުދަނިޑި ނުބާއްވާށެވެ. މޫދަށް އެރޭއިރުވެސް ވައްކަން ކުރާ މީހުންގެ އަތުޖެހޭގޮތަށް ދަބަސް، ފޯނު އަދި ވޮލެޓުވިޔަސް ނުބާއްވާށެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރާށެވެ. ސައިކަލު ޕޮކެޓުގައި ނުވަތަ މަޑިދަށުގައިވެސް އަގުބޮޑެތި ތަކެތި ނުބަހައްޓާށެވެ.
މީހަކު ނުވަތަ ބަޔަކު ވައްކަމުގެ އަމަލެއް ހިންގާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަވެސް 3322111، 3322112 ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރާށެވެ. އަތޮޅުތެރޭގައި ނަމަ އެ އަތޮޅެއްގެ ނުވަތަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަނަށް އެ މައުލޫމާތު ހިއްސާކުރާށެވެ.




ހިޔާލު
ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނާފިޢު ވިދާޅުވީ ތިބޭފުޅުން ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުންތޯ ނުވަތަ ނިއުސް ބްރީފިން އެއްގަތޯ؟