ސޮސިޑޭޑާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ސްޕެނިޝް ސުޕަރކަޕް ފައިނަލަށް އެފްސީ ބާސެލޯނާ ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީއިން ބާސެލޯނާއަށް ކުރި ލިބިފައިވަނީ 2-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ބާސެލޯނާއިން ކާމިޔާބުކޮށްފައިވާއިރު، މެޗުގެ 39 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ފްރެންކީ ޑިޔޯން ކާމިޔާބުކޮށްފައިވަނީ ގްރިޒްމަން ހުރަސްކޮށްދިން ބޯޅައަކުން ބޮލުންނެވެ.
ރެއަލް ސޮސިޑޭޑުން މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކޮށްފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ޑިޔޯންގެ އަތުގައި ޖެހުމުން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ އޮޔަޒަބާލްއެވެ.
އަދި އިތުރަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް އިތުރު ލަނޑެއް ފެނިގެންގޮސްފައިނުވާއިރު، މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ސޮސިޑޭޑްގެ ފުރަތަމަ ޕެނަލްޓީ ބައުޓިސްޓާ ފޮނުވާލިއިރު، ސްޓެގަންވަނީ މިޕެނަލްޓީ ދިފާޢުކޮށްފައެވެ. އަދި ޑިޔޯން ފޮނުވާލި ބާސެލޯނާގެ ފުރަތަމަ ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑިއާއެވެ. އަދި އޮޔަޒަބަލް ފޮނުވާލި ސޮސިޑޭޑްގެ ދެވަނަ ޕެނަލްޓީވެސް ސްޓެގެންވަނީ ދިފާޢުކޮށްފައެވެ.
ބާސެލޯނާގެ ދެވަނަ ޕެނަލްޓީ ޑެމްބެލޭ ކާމިޔާބުކޮށްދިންއިރު، ތިންވަނަ ޕެނަލްޓީ ޕިއާނިޒް ކާމިޔާބުކޮށްދިނެވެ. ސޮސިޑޭޑްގެ ތިންވަނަ ޕެނަލްޓީ ދަނޑިއާ އަމާޒުވިއިރު، ސޮސިޑޭޑުން ފުރަތަމަވެސް ގޯލެއް ކާމިޔާބުކުރެވިފައިވަނީ ހަތަރުވަނަ ޕެނަލްޓީއިންނެވެ.
ބާސެލޯނާގެ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ ފުރުޞަތު ލިބުނުނަމަވެސް ގްރިޒްމަން ފޮނުވާލި އެޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ މާމަތިން ބޭރަށެވެ. އަދި ސޮސިޑޭޑުން ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް ބާސެލޯނާ ހަމަހަމަކުރިއެވެ.
އަދި ބާސެލޯނާގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް ފައިނަލުން ޖާގައެއް ކަށަވަރުކޮށްދީފައިވަނީ އުމުރުން 21 އަހަރުގެ ރިކީ ޕޫޖްއެވެ.
މިމުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭ 01:00 ގައި ފެށާ އެމެޗުގައި ބައްދަލުކުރާނީ ރެއަލްމެޑްރިޑާއި އެތުލެޓިކް ކްލަބެވެ. އަދި އެމެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށް ފައިނަލްގައި ބާސެލޯނާ ނުކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.
SEE YOU ON SUNDAY! ???????????? pic.twitter.com/Us2INeVZos
— FC Barcelona (@FCBarcelona) January 13, 2021




