ދުނިޔޭގައި މީހުން އާބާދުވެ ދިރިއުޅެންފެށި ވަކި ތާރީހެއް އަދިއަދަށް ދާންދެންވެސް ހޯދިފައެއް ނުވެއެވެ. ދުނިޔޭގެ ގަދީމީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން އިންސާނީ ހަޟާރާތާއި ގުޅޭ ތަފާތު ގިނަ ހޯދުންތައް އަހަރެމެންނާއި ހަމައަށް ކޮންމެ ދުވަހަކު ގޮތައްހެން އައްނަމުން ދެއެވެ.
މިގޮތުން، އާރކިއޮލޮޖިސްޓުން އިންޑޮނޭޝިއާގައި ކުރި މަސައްކަތްތަކަކުން މިއަދު މިވަނީ ދުނިޔޭގައި މިހާތަނަށް ހޮހޮޅައެއްގައި ކުރަހައިފައިވާ އެންމެ ދުވަސްވީ ޖަނަވާރުގެ ތަސްވީރު ފެނިފައެވެ. މި ތަސްވީރަކީ ވަލު އޫރެއްގެ ތަސްވީރެކެވެ. މި ތަސްވީރު ކުރެހުމަށް ބޭނުން ކޮށްފައިވަނީ ގަދަ ރަތް މަށިން ތައްޔާރުކޮށްފައިވާ ޕައުޑަރެކެވެ.
އާރކިއޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި މި ކުރެހުމަށް މިހާރު 45،500 އަހަރު ވެފައިވެދާނެ ކަމަށް ގަބޫލު ކުރެވެއެވެ. ކުރެހުމުގެ ދިގުމިނުގައި 136 ސެންޓުމީޓަރު ހުއްނައިރު ފުޅާމިނުގައި 54 ސެންޓުމީޓަރު ހުރެއެވެ. ކުރެހުމުގައިވާ ވަލު އޫރުގެ ފަހަތުގައި އިންސާނެއްގެ ދެ އަތްތިލަ ކުރަހާފައިވާއިރު އިތުރު ވަލު އޫރެއްގެ ފަޑުވެ ފިލައިދާން ކައިރިވެފައިވާ ތަސްވީރެއްވެސް ހުހޮޅައިގައި ކުރަހައިފައި ވެެއެވެ.
މި ހޮހޮޅައަކީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސުލަވެސީގެ އެކަހެރި ވެލީއަކުން ފެނިފައިވާ ހޮހަޅައެކެވެ. މީގެ ސަބަބުން މިސަރަހައްދުގައި މީހުން އާބާދުވެ އުޅެން ފެށި ޒަމާނުގެ ވަރަށް ދުރު ތާރީހް ވަނީ އިނގިގެން ގޮސްފައެވެ.
މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ދުވަސްވީ ކުރެހުމަކީ ދެކުނު އެފްރިކާއިން ފެނުނު ކުރެހުމެކެވެ. ގަލެއްގައި "ހޭޝްޓެގް"ގެ ބައްޓަމަށް ކުރަހައިފައިވާ މި ކުރެހުމަށް 73،000 އަހަރު ވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.