ލ. މާވަށު ދެ ވެރިއެއްގެ މެދުގައި ބަދަލުކުރެވުނު ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުމެއް ހިނގައިފިއެވެ.
މި ހަމަނުޖެހުން ހިނގައިފައިވަނީ ލ. މާވަށު ކައުންސިލުގެ ރައީސް އަހުމަދު މޫސާ އާއި އެރަށު ފެނަކަ ކޯޕަރޭޝަން ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރު އަބޫބަރު އަހުމަދު އާއި ދެމެދުއެވެ.
މި މައްސަލައިގައި ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވެފައިވަނީ، އޭނާއަށް ފެނަކަ ކޯޕަރޭޝަން ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރު އަބޫބަރު އަހުމަދު ހަމަލާދިނީ އަތުން ކަމަށާއި އޭނާގެ މޫނު މަތީގައި ޖެހުމުން ތުންފަތް ފަޅައިގެން ގޮސް ބޮލަށް އެނބުރުން އަރާފައިވާ ކަމަށެވެ.
ނަމަވެސް މިވާހަކަތައް އަބޫބަކުރު އަހުމަދު ދޮގުކުރެއެވެ. މިނޫހަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު އަހުމަދު ވިދާޅުވީ ދެކެވުނު ވާހަކައަކާއި ގުޅިގެން ގަޔަށް އަތްލައިފައިވަނީ އަހުމަދު މޫސާ ކަމަށެވެ. މިގޮތުން އަބޫބަކުރު އަހުމަދު ސައިކަލުގައި ދަނިކޮށް ކުރިމައްޗަށް އަރައި ދަތްދޮޅި ދަށަށް އަތްލީކަމަށް އޭނާ އަބޫބަކުރު އަހުމަދު ވިދާޅުވެއެވެ.
"އަޅުގަނޑު އެހެން ކުއްޖަކާ އެކީ ސައިކަލުގައި ދަނިކޮށް އަޅުގަނޑުގެ ކުރިމައްޗަށް އަރައި ދަތްދޮޅި ދަށަށް އަތްލައި ހަމަނުޖެހުން ހިނގައިފައިވަނީ އަހުމަދު މޫސާ، އަޅުގަނޑު އޭނަގެ ގައިގައި އަތްނުލަން" އަބޫބަކުރު އަހުމަދު ވިދާޅުވިއެވެ.
މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައިފައިވާއިރު ފުލުހުންގެ ބަހެއް މިމައްސަލައިގައި އަދިވަނީ ލިބޭގޮތް ނުވެފައެވެ.