ލ. މާވަށުގައި ހުރި ވަޑާން ގެއަކުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ބައެއް ތަކެތި ހޯދައި، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާވަށު ވަޑާން ގެއަކުން ވައްކަންކޮށްފައިވާ ކަމަށް އޮކްޓޯބަރު 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެތަކެތި އޮކްޓޯބަރު 30 ވަނަ ދުވަހު ހޯދާފައިވާ ކަމަށެވެ.
ހޯދިތަކެތީގެ ތެރޭގައި ހިމެނެނީ ދެ ބުރުމާ ކައްޓާއި، ކޭސިން ކަޓަރަކާއި، ދެ މާކަރީ ލައިޓާއި، ވަށް ކަރަންޓް ކީހެއްގެ އިތުރުން ރަހަފަތިގަނޑެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ނޮވެމްބަރު 1 ވަނަ ދުވަހު އެރަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މާވަށު ޕޮލިސް ސްޓޭޝަނުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.