މިއަހަރުގެ މިހާތަނަށް 40،000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންް 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށްވަނީ 43،481 ފަތުރުވެރިން އައިސްފައެވެ.
ފަތުރުވެރިން މިދުވަސްކޮޅު ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ މުއްދަތުވެސް ދިގުކަން ފާހަގަކޮށްލެވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިން އާއްމުގޮތެއްގައި މިހާރު ރާއްޖޭގައި ނުވަ ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.
ފާއިތުވި ފަނަރަ ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 3055 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 2899 ފަތުރުވެރިންނެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން މިދިޔަ އަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.