ކޮވިޑް-19 ޖެހޭ މީހުންގެ ކިބައިން އެންމެ ގިނައިން ފެންނަ އެއް އަލާމާތަކީ ގިނަ ދުވަސްތަކަކަށް ވަސްދުވުމުގެ ހިއްސު ދިއުމެވެ. މިގޮތުން ކޮވިޑް-19 ޖެހުނު އާއިލާގެ މެންބަރުތަކަކަށް ވަސްނުދޮވުމުގެ ސަބަބުން އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވީ ހަމަކިރިޔާއެވެ.
ކޮވިޑް-19 ޖެހި ވަސްނުދޮވުގެ ސަބަބުން، ޓެކްސަސްގެ ވޭކޯ ސިޓީގައި ދިރިއުޅެމުން އަންނަ މި އާއިލާއަށް، އެމީހުން ދިރިއުޅޭ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރުވެސް ނޭނގުނެވެ. ނަމަވެސް މި ހާދިސާއިން ސަލާމަތް ކޮށްދިނީ ހަތަރު މެންބަރުގެ އާއިލާގައި ބައްޔަށް ޕޮޒިޓިވް ނުވެ އިން ހަމައެކަނި މެންބަރެވެ. އެއީ 17 އަހަރުގެ އަންހެން ދަރިފުޅެވެ.
ބިއަންކާ ރިވެރާ މީޑިއާތަކަށް ކިޔައިދިންގޮތުގައި، އެއްޗެއް އަނދާވަސް އޭނާއަށް ދުވަން ފެށީ އެދުވަހުގެ މެދަމު 02:00 ހާއިރު ކަމަށެވެ. އަދި ވަސްދޮވުމާއެކު އޭނަގެ އާއިލާގެ ސަމާޅުކަމަށް އެކަން ގެނައިކަމަށް ބިއަންކާ ބުންޏެވެ.
ބިއަންކާ ބުނިގޮތުގައި، ޕްލާސްޓިކް އަނދާވަސް ދުވަން ފެށުމަށް ކޮޓަރިން ބޭރަށް ނުކުތްއިރު ގޭތެރެ ފުރިފައި އޮތީ ދުމުންނެވެ. ނަމަވެސް އެވަގުތު އޭނަގެ އާއިލާ ނިދާފައި އޮންނާނެކަން އެނގުމުން އެންމެން ހޭލައްވާ ގެއިން ބޭރަށް ނެރުނީ ބިއަންކާއެވެ.
މީގެ އިތުރުން، ގޭގައި ގެންގުޅޭ ހަތަރު ކުއްތާވެސް ބިއަންކާވަނީ ގެއިން ބޭރަށް ނެރި ސަލާމަތްކޮށްފައެވެ.
މި ހާދިސާ ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ވޭކޯ ސިޓީގެ ފަޔާ ޑިޕާޓްމެންޓް އިން އެ ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ ސަރަހައްދަށް އެ ޔުނިޓްގެ މީހުންނަށް އާދެވުނުއިރު ގޭގައި ރޯވެފައިވާ އަލިފާންގަނޑު ފެންނަން ހުރި ކަމަށެވެ. އަދި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާ ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 ޖެހިފައި ހުރި އާއިލާގެ ތިން މެންބަރު ސަލާމަތް ކޮށްދިން ބިއަންކާ ކުރި މަސައްކަތް ފަޔާ ޑިޕާޓްމެންޓް އިން ފާހަގަކޮށްފައިވެއެވެ.
ދިރިއުޅޭނެ އެހެން ތަނެއް ހޯދެންދެން ބިއަންކާ އާއި އޭނަގެ އާއިލާ މިވަގުތު ތިބީ ވަގުތީ ގޮތުން ހޮޓެލް އެއްގައެވެ.



