ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން މިދިޔަ އަހަރު ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ޚިދުމަތް ހޯދާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅު ވެއްޖެެއެވެ.
ކޭއާރުއެޗްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ، 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޮރޯނާ ވައިރަސްގެ ސަބަބުން ސިއްހީ ހިދުމަތްތެރީންނަށް 2020 ވަނަ އަހަރު ވެެގެން ދިޔައީ ބުރަ ބޮޑު އަހަރަކަށްކަމަށާއި، ފެބްރުވަރީ މަހު އެކުލަވާލެވުނު ކޮވިޑް ޓާސްކު ފޯސްގައި ހޮސްޕިޓަލުގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
އަދި ކަރަންޓީނަށް މީހުން ލުމާއި ނެރުމުގެ އިތުރުން ސާމްޕަލް ނެގުމާއި، ޓެސްޓް ކުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ލޮކްޑައުންއާއި ގުޅިގެން ހޮސްޕިޓަލަށް މުޅި ރާއްޖެއިން މީހުން ހިދުމަތް ހޯދަން އަައިސްފައިވާއިރު ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާ ވެސް އިތުރަށް ބާރުބޮޑުވެގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
"ހޮސްޕިޓަލުގެ އޯޕީޑީއިން 2020 ވަނަ އަހަރު 101,362 މީހުން ވަނީ ހިދުމަތް ހޯދާފަ އެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ވަނީ ހިދުމަތް ހޯދާފައެވެ. އަދި 23 ޤައުމަކަށް ނިސްބަތްވާ 1763 ބިދޭސީން ވަނީ ހިދުމަތް ހޯދާފަ އެވެ." މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވިއެވެ.
މީގެއިތުރުން 2565 މީހުންނަށް އެޑްމިޓް ކުރެވިގެން ފަރުވާ ދެވުނު އިރު 6955 މީހުންނަށް އީއާރުގައި ފަރުވާ ދެވިފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.
އަޙްމަދު ދާއޫދު އިތުރަށް ވިދާޅުވީ، ހޮސްޕިޓަލުގެ ކާމިޔާބު ވަޒަން ކުރަނީ އަންނަ ބަލި މީހުންގެ އަދަދުން ކަމުގައި ނުވިޔަސް، ހޮސްޕިޓަލުގެ ހިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދަށް ބަލައި ކެޕޭސިޓީ އިތުރު ކުރުން ވަރަށް ވެސް މުހިއްމުކަމަށާއި، އަދި ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރު ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ހޮސްޕިޓަލުގެ މުވައްޒަފުން ކޮށްފައިވާ މިންނެތް މަސައްކަތަށްވެސްވަނީ ޝުކުރުއަދާކޮށްފައެވެ.
މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އެންމެ ބޮޑު އުއްމީދަކީ މި ސަރުކާރުން ގެންގުޅުއްވާ ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން މިސަރަހައްދުގެ ސިއްހީ ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި ކުޅުދުއްފުށީގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ފުރިހަމަަކޮށް، އަވަސް މުސްތަޤުބަލެއްގައި ރައްޔިތުންނަށް އެކަމުގެ ފޮނި މީރުކަން ލިބޭނޭ ގޮތް ވެގެން ދިއުމެވެ.




