ބައެއް ޓޫރިސްޓު ރިސޯޓުތަކުން ގިނަ އަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިފަހަކަށް އައިސް ރިސޯޓުތަކުން ކަނޑަށް ކުނި އަޅާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެއެވެ. އެގޮތުން އާއްމު ފަރާތަކުން ޓްވިޓާގައި ހިއްސާކޮށްފައިވާ މިފަދަ ވީޑިއޯއެއް ރީޓްވީޓް ކުރައްވާ ނަޝީދު ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.
ޓޫރިޒަމް ދާއިރާއަށް، ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން ކުރިން ހަދާފައިވާ ގަވާއިދެއްގެ ދަށުން ޅަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުނި ރިސޯޓުތަކުން ކަނޑަށް އެޅުމަށް އޮންނަނީ ހުއްދަ ދީފައެވެ. ނަމަވެސް މި ވީޑިއޯއިން ފެންނަ މަންޒަރަށް ބަލާއިރު ދޯންޏަކުން ޕްލާސްޓިކް ފުޅިއާއި ކޮތަޅުވެސް ކަނޑަށް އަޅާތަން ފެނިގެންދެއެވެ.
This is a big problem & one likely to grow as the number of resorts increases. Surely there are better solutions, like composting or turning food waste into biogas? People holiday in Maldives because of the beautiful natural environment. We besmirch that beauty at our peril. ???? https://t.co/Ed6gL7i166
— Mohamed Nasheed (@MohamedNasheed) January 19, 2021
މިކަމާއި ގުޅިގެން ނަޝީދު ކުރި ޓްވީޓުގައި ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އަދި ކުރިއަށް އޮތްތާގައި ރިސޯޓުތައް އިތުރުވާ ވަރަކަށް މި މައްސަލަ ބޮޑުވެގެންދާނެކަމަށެވެ.
މިކަމަށް ރަނގަޅު ހައްލެއް ހޯދިދާނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، މިފަދަ ކުނި ކޮމްޕޯސްޓު ކުރެވިދާނެ ކަމަށާއި އަދި ކާބޯތަކެތި ބަޔޯގޭސް އަށްވެސް ބަދަލުކުރެވިދާނެކަމަށެވެ.
ކަންބޮޑުވުން ފާޅުކޮށް ނަޝީދު ވިދާޅުވީ، ބޭރު މީހުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަަމުގެ ސަބަބުން ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު'އިން ބާރު ލިބިގެން ބައެއް ރިސޯޓު ތަކުން ގިނަ އަދަދަކަށް ކުނި އަޅަމުންދާތީވެ،މައްސަލައާ ގުޅޭގޮތުން ހައްލެއް ހޯދުމަށް ކަމާގުޅޭ އިދާރާތަކާ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އިއްޔެ ވަޏީ ބައްދަލުކުރައްވާފައެވެ.