މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ-- ފޮޓޯ: ޓްވިޓާ

ޒުވާން އަންހެން ކުއްޖަކަށް ފޮށުނު ފިރިހެން މީހާ ހައްޔަރުކޮށްފި

މާލޭ މަގުމަތިން ޒުވާން އަންހެނަކާއި ފޮށުނު މެދު އުމުރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަލީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގުމަތިން ޒުވާން އަންހެނަކާއި ފޮށުނު މިމީހާ ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މައްސަލައިގެ ތަޙްޤީޤް ކުރިޔަށް ދާ ކަމަށެވެ.

މީގެ ދެތިން ދުވަސް ޒުވާން އަންހެން ކުއްޖަކާ މަގުމަތިން ފޮށެ ރޮއްވާލި މައްސަލައެއް ފެންމަތިވެފައިވާއިރު، އެ އަންހެން ކުއްޖާއާ ފޮށޭ މަންޒަރުގެ ވީޑިއޯއާއެކު އެ އަންހެން ކުއްޖާ މިވަނީ މީސްމިޑިއާގައި އެކަން ހިއްސާކޮށްފައެވެ.

އައިމިނަތު ލަމްހާ އަސްލަމް ނަމަކަށް ކިޔާ ޒުވާން އަންހެން ކުއްޖަކަށް މާލޭގެ މަގުމަތިން ދިމާވި ފޮށުމުގެ ހާދިސާ ހިއްސާކުރަމުން ބުނީ އުމުރުގައި މިވަރަށް މީހަކު ނުފޮށޭ ކަމަށާއި، ލަދުން އަދި ވީދެރައިން މަގުމަތީ ހުރެ ރޮވުނު ކަމަށެވެ.

އެ އަންހެން މީހާ ކުރި ޓްވީޓެއްގައި ބުނީ، އޭނާގެ އުމުރުގައި މިހާތަނަށް މިވަރަށް ފުރައްސާރަކޮށްފައި ނުވާ ކަމަށެވެ.

އޭނާ ބުނާ ގޮތުގައި އޭޑީކޭ އިން ފެށިގެން ސްކޫޕާ ހަމައަށް އޭނާ އަށް ފުރައްސާރަކޮށް ފޮށެމުން އުމުރުން ދުވަސްވީ މީހާ އައެވެ.

"ހިނގާފައި އުޅޭ ކޮންމެ ފަހަރަކު، ފިހާރައަށް ދިޔަޔަސް، ނޫނީ އެހެން ތަނަކަށް ދިޔަޔަސް، ފޮށުމާ ކުރިމަތިވޭ. އަހަރުމެން ގިނަ އަންހެން ކުދިންނަށް އެކަން ދިމާވޭ. އެކަމަކު ދުވަހަކުވެސް މިވަރެއް ނުވޭ. އެންމެ ފަހުން މަގު މެދުގައި ހުރެ އަހަންނަށް ރޮވޭ ވަރުވި. ގިނަ ބަޔަކު މަޑުކޮށްގެން ތިބި ބަލަން. އެކަމަކު އެކަކުވެސް އެހީއެއް ނުވޭ." އޭނާ ބުންޏެވެ.

ލަމްހާގެ އިތުރު ޓްވީޓެއްގައި ބުނީ އެ ފިރިހެން މީހާގެ ހުތުރު ވާހަކަތަކުގެ ސަބަބުން އޭނާ ލަދުގަތް ކަމަށެވެ. ލަމްހާގެ ވީޑިއޯ އާއްމު ކުރުމާއެކު ގިނަ ބަޔަކު ވަނީ ފޮށުމުގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ ފުލުހުން ބެލުމަށް ގޮވާލާފައިވާއިރު، އެކަކު ވަނީ ފޮށުނު މީހާގެ ވަނަވަރު މީސްމީޑިއާގައި އާއްމުވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ