ޔޫ.އެން.ޑަބުލިއު.ޓީ.އޯ " ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ" ގެ 8 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންވީ ޔޫ.އެން.ޑަބުލިއު.ޓީ.އޯ ކޮމިޝަން އޮފް ސައުތު އޭޝިއާގެ މިހާރުގެ ޗެއަރގެ ޙައިޞިއްޔަތުން، ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބުދުﷲ މަޢުޞޫމް އެވެ.
ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ އެގްޒެކެޓިވް ކައުންސިލް 113 ވަނަ ބައްދަލުވުމާއި ގުޅުވައިގެން ބޭއްވި މި ބައްދަލުވުން އޮތީ 18 ޖަނަވަރީ 2021 ސްޕެއިންގެ މެޑްރިޑްގައެވެ. އަދި މި ބައްދަލުވުން އިފްތިތާޙް ކޮށްދެއްވާފައިވަނީ މެޑްރިޑްގެ މޭޔަރ "މިސްޓަރ ޖޯސް ލުއިސް މާރޓިނެޒް އަލްމޭނިއާ" އެވެ.
ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މިބައްދަލުވުމުގެ މައިގަނޑު ތީމަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ކޮވިޑް،19 އާއި ގުޅިގެން މިއަދު ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދާ، މާނަވީގޮތެއްގައި ފަތުރުވެރިކަން އަލުން ފެށުންކަމަށާއި، މިހާރު ތަޢާރަފުކުރަމުންދާ ވެކްސިންތައް އާބާދީ ބޮޑުބަޔަކަށް ބޭނުންކުރެވި، ވެކްސިންޖެހިކަމުގެ ސެޓުފިކެޓުހިފައިގެން އަނެއްގައުމަށް ދަތުރުކުރެވޭނެ މަގުފަހިވުމަކީ ފަތުރުވެރިކަން އަލުން ފެށުމަށް ބޭނުންކަމެއްގެ ގޮތުގައި ގިނަމެންބަރުން ފާހަގަކުރެއްވިކަމަށެވެ.
މެޑްރިޑް ގެ މޭޔަރ އިފްތިތާޙް ކޮށްދެއްވި މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ސޫރަތް ޕޮލޮލިކަޝްވިލި އާއި ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ އެގްޒެކެޓިވް ކައުންސިލްގެ ޗެއަރ މިސްޓަރ ނަޖީބް ބަލާލް އާއި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ މާރގަރަޓިސް ޝިނަސް އާއި ސެކްރެޓަރީ ފޮރ ގްލޯބަލް އޮފް ސްޕެއިން މިސްޓަރ މަނުއަލް މޫނިޒް އާއި އައިކާއޯގެ ސެކްރެޓަރީ ޖެނެރަލް މިސް ފަންގް ނިއު ހިމެނެއެވެ.
މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ޙައްލެއް ގެނައުމަށްޓަކައި ޔޫ.އެން.ޑަބުލިއު.ޓީ.އޯ އިން އެކުލަވާލެއްވި ކޮމިޓީއެކެވެ.




