ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ވަފުދުތަކުގެ ވެރިންނާއި ސްޕެއިންގެ ރަސްގެފާނު ބައްދަލުކުރައްވައިފިއެވެ.
ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވާ ވަފުދުތަކުގެ ވެރިންނަށް، ސްޕެއިންގެ ރަސްގެފާނު ކިންގް ފިލިޕް ބޭއްވި ޚާއްސަ ޙަފްލާއެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ.މައުޞޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މެޑްރިޑްގެ ބާރޑޯ ޕެލެސްގައި ޖަނަވަރީ 18 ވަނަ ދުވަހު ހަވީރު ބޭއްވި މި މި ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބުކޮށް ކިންގް ފިލިޕް ދެއްކެވި ވާހަކަފުޅުގައި އިންވެސްޓްމަންޓްތަކާއި ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ މުހިއްމުކަން ވަނީ ފާހަގަ ކުރައްޗާފައެވެ.
މީގެއިތުރުން ބައްދަލުވުމުގެ ބައިވެރިންނާއި ރަސްގެފާނު ވަކިވަކިން ބައްދަލުކުރައްވާ އެގައުމުތަކާއި ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ތިމާވެއްޓާއި އޮތް ގާތްގުޅުން ފާހަގަ ކުރައްވާ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސްޕެއިންގެ އެއްބާރުލުން ލިބޭނެކަން ރަސްގެފާނު ފާހަގަ ކުރެއްވިކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތާއި ގުޅޭ މަޢުލޫމާތު މިނިސްޓަރ ޑރ. މައުޞޫމު ވަނީ ރަސްގެފާނާއި ޙިއްސާކުރައްވާފައެވެ.
ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ސޫރަތް ޕޮލޮލިކަޝްވިލި އާއި ސްޕެއިންގެ ޓޫރިޒަމް މިނިސްޓަރ ރެއިސް މަރޯތޯ ވެސް ވާހަކަފުޅު ދެއްކެވި މިބައްދަލުވުން ނިންމާލުމުގެ ކުރިން ބައިވެރިންގެ ހަދާނީ ފޮޓޮއެއްވަނީ ނަންގަވާފައެވެ.




