މާލޭގައި ތަޅަމުންދިޔަ އިމާރާތަކުން ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި، ޖެހިގެން ހުރި ގޭގެ ފާރުގެ ބައެއް ހަލާކުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 5:45 އެހައިކަންހާއިރު މ. ގުލްބަހާރުގޭގެ އިމާރާތް ތަޅަމުންދަނިކޮށް ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހި، ޖެހިގެންހުރި މ. ސަމަންދަރުގޭގެ ދެވަނަ ފްލޯގެ ފާރުގެ ބަޔެއް ހަލާކުވެފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވީ ނަމަވެސް އެ ހާދިސާގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފޮޓޯތަކުން ފެންނަގޮތުގައި ވެއްޓުނު ކޮންކްރީޓް ގަނޑުން ޖެހި ސަމަންދަރުގޭގެ ކޮޓަރިއެއްގެ ފާރުން ބައެއް ތަޅައިގެން ގޮސްފައިވާއިރު، ތަޅައިގެން ދިޔަ ބައި ވެއްޓިފައި ވަނީ އެ ކޮޓަރީގައި ހުރި އެނދު މައްޗަށާއި އެ ކޮޓަރި ތެރެއަށެވެ.

ފަހަކަށް އައިސް ފަރުވާ ކުޑަވުމާއި، ސަލާމަތީ ފިޔަވަޅުތައް އެޅުން މަދުވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ދަނީ އިތުރުވަމުންނެވެ.




