ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދަމުންދާ ކާގޯ އިމާރާތު މަތިން ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހަދަމުންދާ ކާގޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ވެއްޓިގެން ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ ފިރިހެނަކަށެވެ.
މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 08:20 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
"އެމީހާ އިންޓާނަލް ބްލީޑް ވާކަމަށާއި، ފްރަކްޗާރސް ހުރިކަމަށް ފަސްޓް އެއިޑް އިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އިތުރު ފަރުވާ ދިނުމަށް އެމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި." ފުލުހުން ވިދާޅުވުއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



