ރަތްކާޑާއި ގުޅިގެން މެސީއަށް ދެ މެޗުގެ ސަސްޕެންޝަން އެއް

ސްޕެނިޝް ސުޕަރ ކަޕުގެ ފައިނަލުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ދެއްކި ރަތްކާޑާއި ގުޅިގެން ދެ މެޗުގެ ސަސްޕެންޝަންއެއް އަތުވެއްޖެއެވެ.

ފައިނަލް މެޗުގެ 120 ވަނަ މިނަޓްގައި މެސީއަށް ރަތްކާޑު ދައްކާފައިވަނީ ބޯޅަ ނެތީސް ބިލްބާއޯގެ ވިޔަލިބްރޭ އަށް ހަމަލާދިނުމާއި ގުޅިގެންނެވެ. ވީއޭއާރު މެދުވެރިކޮށް ބެލުމަށްފަހު މެސީއަށް ރަތްކާޑު ދެއްކާފައިވާއިރު މެޗުގެ ރެފްރީ ބުނެފައިވަނީ ބޯޅާ ކުޅެވޭ ހިސާބަށްވުރެ ދުރުގައި އޮއްވާ އިދިކޮޅު ކުޅުންތެރިޔާގެ ގައިގައި ޤަސްތުގައި މެސީ ޖެހުމުގެ ސަބަބުން ރަތްކާޑު ދެއްކީކަމަށެވެ.

މިއީ މެސީގެ ކެރިއަރުގައި ބާސެލޯނާއަށް ކުޅެނިކޮށް ލިބުނު ފުރަތަމަ ރަތްކާޑެވެ. މިހާތަނަށް ބާސެލޯނާއަށް 745 މެޗު ކުޅެދީފައިވާ މެސީގެ ކެރިއަރުގައި މިހާތަނަށް ޖުމްލަ ތިން ރަތްކާޑު ދައްކާފައިވާއިރު، އަނެއް ދެ ރަތްކާޑު ދައްކާފައިވަނީ ޤައުމީ ޓީމު އާޖެންޓީނާއަށް ކުޅެނިކޮށެވެ. އެއީ 2019 ވަނަ އަހަރުގެ ޖުލައިމަހު ކުޅުނު ކޮޕާ އެމެރިކާގެ ތިންވަނަ ހޮވާ މެޗުގައި މެސީއަށް ދެއްކި ރަތްކާޑާއި، މެސީ ޤައުމީޓީމަށް ކުޅުނު ފުރަތަމަ މެޗުގައި، 2005 ވަނަ އަހަރު ހަންގޭރީއާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑެވެ.

ސްޕެނިޝް ސުޕަރ ކަޕުގެ ފައިނަލުން ބާސެލޯނާ ބަލިވެފައިވަނީ އެތުލެޓިކް ކްލަބާއި ދެކޮޅަށް ކުޅެ 2-3 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަށްވެފައިވަނީ އެތުލެޓިކް ކްލަބުން ލަނޑެއްޖަހައި 2-2 ކުން ނަތީޖާ ހަމަހަމަކޮށްފައިވާއިރު، އެތުލެޓިކުން މޮޅުވި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ