ވެކްސިންތައް ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ފެތޭނެ: އެޗްޕީއޭ

ދިވެހިރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެ ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން މިހެން ވިދާޅުވެފައިވާއިރު އަވަށްޓެރި އިންޑިއާއިން ތައްޔާރުކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިން ލިބޭ ފުރަތަމަ ގައުމަކީ ރާއްޖެކަމަށް އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުން މާދަމާ ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ހުރިހާކަމެއް ތައްޔާރުވެފައިވާއިރު، ރާއްޖޭގެ ސަރުކާރުންވެސްވަނީ މިކަމަށްދޭންޖެހޭ ހުރިހާ ހުއްދައެއްވެސް ދެއްވާފައިކަމަށް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ވެކްސިން ޝިޕްމަންޓް ވައިގެ މަގުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މާދަމާ މެންދުރު ފަހު ގާތްގަނޑަކަށް 02:00 ހާއިރު އަންނާނެކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ރާއްޖޭގެ ކަމާގުޅުން ހުރި އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެޗްޕީއޭ އިން ދާދި ދެންމެ ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ބޭނުންކުރާ ވެކްސިންތައް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭނެކަމަށާއި، އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި ކަށަވަރު ކުރެވޭނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ އޮންނާނެކަމަށާއި، ވެކްސިން ޖެހުމުން އަންނަ ސައިޑް އިފެކްޓުތަކަށް ރަނގަޅަށް ބެލޭނެކަމުގައިވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް 367،424 ސާމްޕަލެއް ނެގިފައިވާއިރު، 14،582 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13،566 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، މިހާރު މިއްބަޔަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނީ 74 މީހުންނެވެ. އަދި މިބަލީގައި މިހާތަނަށް ރާއްޖެއިން 49 މީހަކު މަރުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ