ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުއް ކޮށްފައިވާ ޙުކުމްގެ އިސްތިޢުނާފު މައްސަލައިގެ ޙުކުމް އިއްވުން ހައިކޯޓުން މާދަމާއަށް ތާވަލްކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
މިމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިޢުނާފު ކޮށްފައެވެ.
މި މައްސަލައިގެ އިސްތިޢުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ. މި މައްސަލައިގައި ޙުކުމް އިއްވުން ހައިކޯޓުން ފުރަތަމަ ތާވަލް ކޮށްފައި ވަނީ މި މަހުގެ 14 ވީ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް މި މައްސަލައިގެ ޙުކުމް އިއްވުން ހައިކޯޓުން ފަހުން ވަނީ މާދަމާއަށް ބަދަލުކޮށްފައެވެ.
Abdulla Yameen Abdul Qayoom Vs Prosecutor General (2019/HC-A/637) Live streaming on https://t.co/Wd99JDm16U pic.twitter.com/xPFySgkOCH
— High Court of the Republic of Maldives (@mvhighcourt) January 20, 2021
ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މި މާދަމާއަށް ތާވަލްކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއްވެސް ވަނީ އިފުލާފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ.
ރައީސް ޔާމިންގެ މައްޗަށް ޙުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކް ގައި ހުޅުވާފައި ހުރި އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
އަދި އެފައިސާ އޭސީސީ އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެމްއެމްޕީއާރުސީގެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، ޚިޔާނާތުގެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ.




