ބައެއް ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުން އަނެއްކާވެސް މަނާ ކޮށްފިއެވެ. އެގޮތުން މަނާކޮށްފައިވަނީ ދޫނިރޯގާ އުޅޭ ޤައުމުތަކުންނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނެރެފައިވާ އިޢުލާނެއްގައި ބުނީ، މިދުވަސްވަރަކީ ގިނަ ޤައުމުތަކެއްގައި ދޫނިރޯގާ (Highly pathogenic avian influenza) ފެތުރެމުންދާ ދުވަސްވަރެއްކަމަށާއި، އެސަބަބަށްޓަކައި ދޫނިރޯގާ އުޅޭ ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަމަށެވެ.
އަދި މިފަދަ ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުން ވަގުތީ ގޮތުން މެދު ކަނޑާލާފައިވަނީ، ރާއްޖެއަށް ދޫނިރޯގާ އެތެރެވުމަށް އޮތް ފުރުޞަތެއްކަމަށް ބެލެވޭތީ، ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށްވެސް އެމިނިސްޓްރީގެ އިޢުލާނުގައިވެއެވެ.
އަދި މިބަލި އުޅޭ ޤައުމުތަކުގެ ތަފްސީލު އެކުލެވިފައިވާ ދުނިޔޭގެ ޖަނަވާރުގެ ޞިއްހަތާއި ޖަމްއިއްޔާ (OIE) ގެ އެނިމަލް ހެލްތު ޑޭޓާބޭސްއިން އެނގެން ހުންނާނެކަމަށާއި، އެހެންކަމުން ދިރޭ ޖަނަވާރު ރާއްޖެއަށް އެތެރެކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މީގެކުރިންވެސް މިދިޔަ އަހަރުގެ ކުރީކޮޅު ފިޝަރީޒް މިނިސްޓްރީންވަނީ ދޫނި ރޯގާއިން ރައްކާތެރި ވުމުގެ ގޮތުން، ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދިރޭ ދޫނި ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.