މަސްވެރިންތަކެއް މަސް ބާނަނީ | ފޮޓޯ: މިހާރު

ކުރިއެކޭވެސް އެއްގޮތަށް އުޞޫލުތަކުގައި ހިފައިގެން މަސްވިއްކުމަށް އިލްތިމާސްކޮށްފި

މަސްވެރި އުޅަނދުފަހަރުން ކުރިންވެސް އަމަލުކުރަމުން އައި އުޞޫލުތަކާއި އެއްގޮތަށް މަސް ގަންނަ ސެންޓަރުތަކަށް ދަތުރުކޮށް މަސް ވިއްކުމުގެ މަރުހަލާގެ ކަންކަން ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެދިވަޑައިގެންފިއެވެ.

އެމިނިސްޓްރީން އާންމުކޮށްފައިވާ ސަރކިއުލާރއެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ދިވެހިރާއްޖޭގައި ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މަސްވެރިކަންކުރުމުގައި ލައިސަންސް ލިބިގެން ޙަރަކާތްތެރިވާ އަދި އެކި ސަރަޙައްދުތަކުގައި ޤާއިމުވެފައިވާ މަސް ގަންނަ ކުންފުނިތަކަށް މަސް ވިއްކުމުގައި، އަމަލުކުރަންވީ އުސޫލުތަކަށް މިވަގުތު ފުރިހަމައަށް ސަމާލުކަން ދިނުން މުހިންމުކަމަށެވެ.

އެއީ މިދަނޑިވަޅަކީ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާ ހާލަތަކަށްވާތީވެ، އަދި އުޅަނދުފަހަރުގެ ޙަރަކާތްތައް ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިއްޖެނަމަ، އެކަމުގެ ސަބަބުން މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުޞަތު އޮތްކަމެއް ކަމުގައިވާއިރު، މިފުރުޞަތުގައި މަސް ގަންނަ ކުންފުނިތަކާއި މަސްވެރި އުޅަނދުފަހަރުން ކުރިންވެސް އަމަލުކުރަމުން އައި އުޞޫލުތަކާއި އެއްގޮތަށް މަސް ގަންނަ ސެންޓަރުތަކަށް ދަތުރުކޮށް މަސް ވިއްކުމުގެ މަރުހަލާގެ ކަންކަން ހަމަޖެއްސެވުމަށް ހަނދާންކޮށްދޭކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

އަދި ވަކިން ޚާއްސަކޮށް މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ މަސް ގަންނަ ސެންޓަރަކަށް މަސް ވިއްކުމަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ވިއްކުމުގެ މަރުހަލާ ފުރިހަމަކޮށް، ދޯންޏަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

މިގޮތުން ވިދާޅުވީ، މަސްވެރިކަންކުރުމަށްފަހު މަސް ގަންނަ ފަރާތްތަކަށް މަސް ވިއްކުމުގެ މަރުހަލާގައި މަސް ގަންނަ ފެސިލިޓީތަކަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި އަދި މަސްވެރި ދަތުރުތަކުގައި މަސްވެރިކަންކޮށް ނިމުމަށްފަހު ހަމައެކަނި އުޅަނދު ނިސްބަތްވާ ރަށަށް އަނބުރާ ދަތުރުކުރުމަށް އިރުޝާދު ދީފައިވާނެކަމަށާއި، އަދި މީގެ އިތުރުންވެސް، ހުޅުމާލޭގައި ނުވަތަ މާލެ ސަރަޙައްދުގެ ރަށެއްގައި ޤާޢިމުކޮށްފައިވާ މަސް ގަންނަ ސެންޓަރަކަށް މަސް ވިއްކުމަށް އަންނަ އުޅަނދުފަހަރުގެ ފަޅުވެރިން އެއްގަމަށް ނުފައިބާ މަސް ގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކުންފުނިތަކަށްވެސް އިރުޝާދު ދީފައިވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ