ތިންވަނަ ޑިވިޒަންގެ އަލްކޮޔާނޯ އަތްދަށުވެ ކޮޕަޑެލްރޭއިން ސްޕެއިންގެ ވަރުގަދަ ރެއަލްމެޑްރިޑް ކަޓައިފިއެވެ.
އަވޭގައި ކުޅުނު ރެއަލްމެޑްރިޑުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއްވަނީ އުފައްދާފައެވެ. އެގޮތުން ފުލުފުލަގައި ރެއަލް ކުރަމުންދިޔަ ހަމަލާތައް ދިފާޢުކުރުމުގައި އަލްކޮޔާނޯގެ ކީޕަރު ޔުއާންވަނީ މޮޅު ކުޅުމެއްދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނަޓްގައި ރެއަލްމެޑްރިޑުން ލީޑު ނެގީ މާސެލޯގެ ހުރަހަކުން މިލިޓާއޯ ބޮލުން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
Third-division Alcoyano MOOD after knocking the champions of Spain out of the Copa del Rey ???? pic.twitter.com/UnCqEJbQXH
— B/R Football (@brfootball) January 20, 2021
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ރެއަލްމެޑްރިޑުންވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ރެއަލްމެޑްރިޑު ހައިރާންކޮށްލުމަށްފަހު އަލްކޮޔާނޯއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނަޓަށްވެފައި ވަނިކޮށެވެ.
80 ވަނަ މިނަޓްގައި ސޮލްބެސް ކާމިޔާބުކޮށްދިން މިލަނޑަކީ ކޯނަރެއްގައި ހުރަސްވި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.
އަދި މެޗުގެ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެހާފު ކުޅެފައިވާއިރު، މެޗުގެ 110 ވަނަ މިނަޓްގައި ކަސެމީރޯއަށް ކުރި ފައުލަކާއި ގުޅިގެން އަލްކޮޔާނޯގެ ލޮޕޭޒް އޮލިވާންއަށް ވަނީ ރަތް ކާޑެއް ދާއްކަފައެވެ. އަލްކޮޔާނޯއިން މޮޅުވި ލަނޑު ޖަހާފައިވަނީ އޭގެ ފަސްމިނަޓް ފަހުންނެވެ.
މެޗުގެ 115 ވަނަ މިނަޓްގައި ކަސަނޯވާ ވިޑާލް ކާމިޔާބުކޮށްދިން މިލަނޑަކީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިއަކިޓޭގެ ހުރަހަކުން ކާމިޔާބުކުރި ލަނޑެކެވެ.
މިނަތީޖާއާއެކު މިމުބާރާތް 19 ފަހަރު ކާމިޔާބުކޮށްފައިވާ ރެއަލްމެޑްރިޑުވަނީ މުބާރާތުން ކަޓާފައެވެ. ރެއަލްމެޑްރިޑުން އެންމެ ފަހުން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ މީގެ 7 އަހަރު ކުރިންނެވެ. އަދި 1993 ގެ ފަހުން ރެއަލްމެޑްރިޑަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުނީ، ވާންހުރި ކަމެއް ވާނޭކަމަށާއި، މުބާރާތުން ކެޓުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށެވެ.




