ރާއްޖޭގެ އުތުރުގެ ތިން އަތޮޅެއް ކަމަށްވާ ހއ، ހދ އަދި ށ އަތޮޅުގައި ދަނޑުވެރިކަމުގެ ޙާއްޞަ ޕްރޮގްރާމެއް ފަށަން އެގްރޯ ނެޓުން ނިންމައިފިއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯ ނެޓުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެގްރިކަލްޗަރ މިނިސްޓްރީއާއި ގުޅިގެން ކަމަށެވެ.
އަންނަ މަސްތެރޭ ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ދަނޑުވެރިން ބައިވެރިކުރުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯ ނެޓުން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީޑިއާ އަށް މައުލޫމާތު ދެމުން އެގްރޯ ނެޓްގެ މެނޭޖަރ ހަސަން އަފްސަލް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެއަތޮޅުތަކުގެ ރަށްރަށުގައި ކޮންޓްރެކްޓް ފާމިންގެ މަސައްކަތްތަކުގެ އިތުރުން ރިސަރޗުގެ މަސައްކަތްތައްވެސް ހިމެނޭނެކަމަށެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.