ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ “ވަރަ އެކްސްޕޯ 2025” ގައި ދަނޑުވެރިކަމުގެ އަގުއެއްކުރި ތަކެތި ދައްކާލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައެވެ. މި އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ “ވަރަ އެކްސްޕޯ 2025” ގައި ބައިވެރިވުމަށް ނިންމާފައެވެ. އެ ވުޒާރާގެ ސްޓޯލްގައި ދަނޑުވެރިކަމުގެ އަގުއެއްކުރި ތަކެތި ދައްކާލުމަށް ހަމަޖެހިފައިވާއިރު، މިފަދަ ތަކެތި ދައްކާލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ. ދަނޑުވެރިކަމުގެ އަގުއެއްކުރި ތަކެތި ދައްކާލުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރެވެނީ https://forms.office.com/r/MSaz32fF7i މިލިންކް މެދުވެރިކޮށެވެ.
“ވަރަ” އެކްސްޕޯއަކީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގެ މައިގަނޑު މަޤްސަދަކީ ވަޒީފާ އަދާ ކުރަމުންދާ މީހުންނަށް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމެވެ.
މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސައަކަށް ގެނައުމެވެ. 2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވި މި އެކްސްޕޯގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، މި އަހަރުގެ އެކްސްޕޯގައި 15،000 އަށް ވުރެ ގިނަ ވަޒީފާ ހޯދާ ފަރާތްތަކާއި، ދަރިވަރުންނާއި، ޕްރޮފެޝަނަލުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބާއްވާ ހުނަރާއި ވަޒީފާގެ އެކްސްޕޯއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
