އަނަސް ޢަބްދުއްސައްތާރު - ފޮޓޯ: އަވަސް

އިންތިޚާބާ ކުރިމަތިލަނީ މާލީ ބާރުވެރިކަން ކައުންސިލަށް ދިނުމަށްފަހު: އަނަސް

މިއަހަރު ބޭއްވުމަށް ތައްޔާރުވަމުންއަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ ކުރިމަތިލަނީ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމަށްފަހު ކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކެއްޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވެފައި މިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް ގެެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތަސްދީގު ކުރައްވުމާއި ގުޅިގެންނެވެ.

ކޮވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އިންތިޚާބު ފަސްކުރި ޤާނޫނުގައި ބުނާ ގޮތުން އެއް އަހަރުގެ ދުވަހުގެ ތެރޭގައި މި އިންތިޚާބު ބާއްވަންޖެހޭނެއެވެ.

އެހެން ކަމުން އިންތިޚާބު ފަސްކުރި ފަހުން އެއް އަހަރު މިއަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހަށް ހަމަވާނެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އިޢުލާން ކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާހެދި އިންތިޞާބު ބޭއްވުމުގައި ދަތިތަކެއް ހުރިކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކޮވިޑްގެ ހާލަތުގައިވެސް އިންތިޚާބު ބޭއްވޭނެގޮތަށް ޤާނޫނަށް ބަދަލުގެނެސް އިއްޔެ ތަސްދީޤު ކުރި ބިލްގައި ބުނެފައިވާ ގޮތުން 7 ދުވަސް ތެރޭގައި އިންތިޚާބުގެ ކަންކަމުގެ އިންތިޒާމުތައް ފަށަން ޖެހޭނެއެވެ. އަދި އިންތިޚާބު ބޭއްވުމަށް އޮތް އެންމެ ފަހު ދުވަހަށް އިންތިޚާބު ނުބޭއްވޭނެނަމަ އެކަންވެސް 30 ދުވަސްކުރިން މަޖިލީހަށް އެންގުމަށް މި ޤާނޫނުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އަނަސް ވިދާޅުވީ 2021 ވަނަ އަހަރު ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެމްޑީޕީއިން ކުރިމަތިލަނީ ޤާނޫނީ، މާލީ ބާރުވެރިކަން މައިސަރުކާރުގެ ކިބައިން ވީއްލި، ރަށު އަތޮޅު އަދި ސިޓީ ކައުންސިލް ތަކަށް ހަވާލުކޮށް ލާމަރުކަޒީ ނިޒާމް ހަނި ކުރުމަށް ގެނެސްފައިވާ އިސްލާހުތައް އުވާލުމަށް ފަހުކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކުރާފަދަ އެޗްޕީއޭއިން ބަލައިގަންނަ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކާއިއެކުކަމަށްވެސް އަނަސް ވިދާޅުވެފައިވެއެވެ.

އަނަސް އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އިންތިޚާބު ކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިންތިޚާބު ބޭއްވުމަކީ ލާޒިމްކަމެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ