ކޮވިޑް-19 ގެ މިހާލަތުގައި މާޔޫސްކަން އިތުރުވާ ގޮތަށް މިންގަނޑުތައް ތަންފީޒު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް އެމްޑީޕީއިން ވާދަކުރައްވާ އަދި އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްޞައްތާރު ވިދާޅުވެއްޖެއެވެ.
އަނަސް ވިދާޅުވެފައި ވަނީ ކޮވިޑްގެ މި ދަތި ހާލުގައި އުފެއްދުންތެރިކަމަށް ހިތްވަރުދީ، އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުން މުޙިންމުވެފައިވާ މި ދަނޑިވަޅުގައި ދިމާވެފައިވާ މާލީ ދަތިކަމާއި، މާޔޫސްކަން އިތުރުވާ ގޮތަށް މިންގަނޑުތައް ތަންފީޒު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. އަދި އެއީ ޙައްލެއްވެސް ނޫން ކަމުގައި އަނަސް ވަނީ ވިދާޅުވެފައެވެ.
އަނަސް މިހެން ވިދާޅުވެފައި މިވަނީ ވިޔަފާރި އުޞޫލުން ކާބޯތަކެރި ފޯރުކޮށްދޭ ފަރާތްތަކުން ޤަވާއިދުތަކާއި އެއްގޮތަށް ހުއްދަ ނަގަންޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވިދާޅުވެފައި ވަނިކޮށެވެ. އަދި ޤަވާއިދުން ހުއްދަ ނުނަގާ ވިޔަފާރި އުޞޫލުން ކާބޯތަކެތީގެ ޚިދުމަތް ދޭނަމަ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގައިވެސް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
Mi dhathi haalathun araigathumah rayyithun geygai kuraa amilla buramasakkaiy huttuvaalumah vureh ekasheegenvaa vaguthu dhinumaa eku, kāboathakethi thayyaarukurumaai, package adhi deliveryge salaamathy mingaduthah ekulavālā, amalukureveyne magu fahikohdhinumah @HPA_MV ah govaalan!
— Anas Abdul Sattar (@anasabdulsattar) September 2, 2020
އެޗްޕީއޭ އިން މިހެން ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މިކަމާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ޤަވާއިދުތައް މަދުކޮށް ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތަށް ފަހިކޮށްދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި ވަޒީތައް ގެއްލި އާމްދަނީ ލިބޭނެ މަގުތަށް ބަންދުވެފައި ވާ މިދުވަސް ވަރު ގިނަ ބަޔަކު އަންނަނީ އޮންލައިން ކޮށް ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ނަމަވެސް ޤަވާއިދުން ރަޖިސްޓްރީން ކުރަން މަޖުބޫރު ކުރުމުން ގިނަބަޔަކަށް އެ މަގުވެސް ބަންދުވެގެން ދާން ކަމުގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ފިހާރަތަކާއި ގޭގޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އާއި އެހެނިހެން ގޮތްގޮތަށް އިޝްތިހާރުކޮށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާކަމުގެ މައުލޫމާތާއި ޝަކުވާ ފަރާތަށް ލިބެމުން ދާކަމަށެވެ.
އަނަސް ވަނީ މި ދަތި ހާލަތުން އަރައިގަތުމަށް ރައްޔިތުން ގޭގައި ކުރާ އަމިއްލަ ބުރަ މަސައްކަތް ހުއްޓުވާލުމަށްވުރެ އެކަށީގެންވާ ވަގުތު ދިނުމާއެކު، ކާބޯތަކެތި ތައްޔާރު ކުރުމާއި، ޕެކޭޖް އަދި ޑެލިވަރީ ސަލާމަތީ މިންގަނޑުތައް އެކުލަވާލާ އަމަލު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް އެޗްޕީއޭއަށް ގޮވާލައިފައެވެ.




