ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސްއިން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ އިޝާ ނަމާދަށް ފަހު، ބިދޭސީއަކު ބަރަހަނާ ހާލުގައި ހުރެގެން އިސްލާމީ މަރުކަޒު ތެރެއަށް ވަނުމުން ފުލުހުންނާއި ސިފައިން ގޮސް ވަނީ އޭނާ އެތަނުން ނެރެ ހައްޔަރުކޮށްފައެވެ.
އެހާދިސާއާއި ގުޅޭ އެންމެ ފަހު މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރަމުން ފުލުހުން ވިދާޅުވީ، އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަންގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާ އަށް ފަހު އެ ބިދޭސީ މީހާ ފުރަތަމަ މިސްކިތަށް ސޯޓް ބުރިއަކާއި ޓީޝާޓެއް ލައިގެން ވަދެ އަޑުގަދަކުރަން ފެށުމުން އެވަގުތު އެތަނުގައި ތިބި މީހުން އޭނާއާއި ސުވާލުކޮށް މިސްކިތުން ފޭބުމަށް އެނގުމުން ވަނީ ނިކުމެގެން ގޮސްފައެވެ.
އޭނާ އޭގެ އިރުކޮޅަކުން ދެވަނަ ފަހަރަށް މިސްކިތަށް ވަދެ ބަރަހާނަ ވެފައި މިސްކިތުގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ވެސް ދީފައެވެ. އޭނާ މިސްކިތަށް ވަދެ އަޑުގަދަކޮށްފައިވަނީ ރަށަށް އެނބުރި ދާން ބޭނުންވާ ކަމަށް ބުނެއެވެ.



