ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1,348 މަރު

ކޮވިޑް-19 ޖެހިގެން އެއްދުވަހުގެތެރޭ އިނގިރޭސިވިލާތުން 1,348 މީހުން މަރުވެއްޖެއެވެ.

އިނގިރޭސިވިލާތުން އިތުރު 1،348 މީހަކު މަރުވެފައިވާއިރު، ފާއިތުވި ހަތަރު ދުވަހުވެސް އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 1،000 އިން މަތީގައެވެ.

ކޮވިޑް-19 ޖެހިގެން އެއްދުވަހުގެތެރޭ އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިމަހުގެ 19 ވަނަ ދުވަހެއެވެ. އެދުވަހު އިނގިރޭސިވިލާތުން 1،610 މީހުން ވަނީ މަރުވެފައެވެ.

އިނގިރޭސިވިލާތަކީ ދުނިޔެއިން ފަސް ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި ބަލީގެ ނުރައްކާ ބޮޑުވަމުންދާއިރު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްވަނީ 4,266,577 މީހުންނަށް ދީފައި ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އޮފީސް ފޯރ ނޭޝަނަލް ސްޓެޓިސްޓިކްގެ ތަފާސްހިސާބުން ދައްކާގޮތުން އިނގިރޭސިވިލާތުގެ ކޮންމެ 10 މީހަކުން އެކަކަށް މިދިޔަ ޑިސެމްބަރުމަހުވަނީ ކޮވިޑް-19 ޖެހިފައެވެ. މިއީ އޮކްޓޯބަރުމަހުގެ ތަފާސްހިސާބާ އަޅާބަލާއިރު ދެގުނަ އިތުރު އަދެދެކެވެ.

ހެލްތް ސެކެރެޓަރީ މެޓް ހެންކޮކް ވިދާޅުވެފައިވަނީ އިޖުތިމާއީ އެންމެހާ ގައިދުރުކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ރަނގަޅު ފިޔަވަޅަކީ އަމިއްލައަށް އެކަހެރިވުން ކަމަށެވެ. މިގޮތުން މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ކޮވިޑް-19 ޖެހިފައިވާ މީހަކަށް ބައްދަލުވެފައިވާ އެންމެހާ ފަރާތްތައް އަމިއްލައަށް އެކަހެރިވެތިބެމެން އިލްތިމާސް ކޮށްފައި ވެއެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 އަށް މުޅި ޖުމްލަ 3,617,459 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މީގެތެރެއިން 1,616,307 މީހުން މިބަލިން ރަނގަޅުވެފައިވާއިރު 1,903,823 މީހުންނަށް އަދިވެސް އައްނަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ