ކޮވިޑް-19: ކޮލަމްބިއާއިން ޕޮޒިޓިވް މީހުންގެ އަދަދު 2 މިލިއަނަށް އަރައިފި

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް ކޮލަމްބިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުގައި ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތޔުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ކޮލަމްބިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށް އެރުމުން، ކޮވިޑް-19 އަށް 2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވީ ޤައުމުތަކުގެ އަދަދު 11 އަށް އެރީއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ކޮލަމްބިއާ އިން އިތުރު 15,551 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 2,002,969 ގައެވެ.

އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނައިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އިތުރު 396 އެއްހައި މީހުން ހިމެނޭހެން މިހާތަނަށް ޖުމްލަ 50,982 މީހަކު އެޤައުމުން ވަނީ މަރުވެފައެވެ.

ކޮލަމްބިއާއަކީ މިވަގުތު ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މި ބަލީގައި ދުނިޔެއިން 11 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކޮލަމްބިއާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެޤައުމަށް މިވަގުތު ވަނީ ބަލީގެ ކުރީކޮޅާއި އަޅާބަލާއިރު، ނުރައްކާ ދެގުނައަށް ބޮޑުވެފައެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ކޮލަމްބިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 1,822,309 މީހެކެވެ. އަދި މިވަގުތު އެޤައުމުގައި 3,482 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ