ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނޭ ގޮތަށް މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 16 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، އިންތިހާބު އަވަސްކުރުމަށާއި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަސް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 16 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ މީހުންގެ ތެރޭގައި، ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާއި ކުރީގެ އެމްޕީ ކޮލޮނަލް ނަޝީދު އާއި ކައުންސިލް މެމްބަރު ނަރީޝް އާއި ކައުންސިލް މެމްބަރު އަމްސޫދާ މުހައްމަދު އާއި ކައުންސިލް މެމްބަރު ޝަހީދު އިބްރާހިމް އާއި، ކައުންސިލް މެމްބަރު އަމިނަތު ފަޒްލާ ހިމެނެއެވެ.
އެގޮތުން މުޒާހަރާގެ ބައިވެރިން އަޑުގަދަކޮށް އެދެމުން ދަނީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިހުރި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކޮށް، ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށެވެ.
މިއަދުގެ މުޒާހަރާ އަކީ، ކުރީގެ ރައީސް ޔާމީން އަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ސީދާ ހަރަކާތަށް އެ ކޯލިޝަނުން ނިކުންނާނެ ކަމަށް ބުނެ އިއުލާން ކުރުމަށްފަހު ހިންގާ ފުރަތަމަ ހަރަކާތެވެ.




