ޕީޕީއެމް އަދި ޕީއެންސީ އިން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމްއަބްދުﷲ ވެސް ހައްޔަރުކޮށްފިއެވެ.
ދިކޮޅު ކޯލިޝަންގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު ކުރިއަށްގެންދިޔަ ސުލްހަވެރި އިހްތިޖާޖުގެ 16 ބައިވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހީނާ ވިދާޅުވިގޮތުގައި، އެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބް ރައީސް ޝުޖާއި އާއި ކައުންސިލް މެންބަރުން ހިމެނެއެވެ.
އިދިކޮޅުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ގިނަބަޔަކު ހައްޔަރުކޮށްފައިވާއިރު، އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިލެކްޝަން ކޮމިޝަނުުން ކަނޑައަޅާފައެެއް ނުވެއެވެ.
އެހެން ނަމަވެސް މިހާރު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތަސްދީގު ކުރައްވާފައެވެ.
އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމި ކައުންސިލް އިންތިހާބު އަހަރެއްހާ ދުވަހަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތުވުމުންނެވެ. ދެން މިދިޔަ އަހަރުގެ މާޗު މަހު އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު ފެބްރުއަރީ މަހާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދަންމާލުމުން އީސީއިން ވަނީ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ނިންމައިފައެވެ.
އީސީއިން ވިދާޅުވާ ގޮތުގައި އިންތިހާބު ބޭއްވެން އޮންނާނީ ކެމްޕޭން ކުރުމަށް މަދުވެގެން ދެ މަސް ދުވަހުގެ މުއްދަތެއް ވެސް ދެވޭ ގޮތަށެވެ. އެހެންކަމުން މިހާރު ނިންމާފައި އޮތީ ފެބްރުއަރީ މަހު އެ ފުރުސަތު ހުޅުވާލާ ގޮތަށް އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އިންތިހާބުގެ ވޯޓްލުން ބޭއްވުމަށެވެ.