ދޮޅު އަހަރަށްފަހު ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

ދޮޅު އަހަރަށްފަހު ޗެލްސީގެ ކޯޗުކަމުން ފްރެންކް ލަމްޕާޑް ވަކިކޮށްފިއެވެ.

އުމުރުން 42 އަހަރު ލަމްޕާޑު ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައިވާއިރު، ޗެލްސީ އޮތީ އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ ނުވަ ވަނާގައެވެ.

ކުރީގެ ކޯޗު މައުރީޒިއޯ ސާރީ ވަކިކޮށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލަމްޕާޑު ޗެލްސީގެ ކޯޗުކަމަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ލަމްޕާޑަކީ ބިލިއަނަރު އަބްރަމޮވިޗް 2003 ވަނަ އަހަރު ޗެލްސީ ގަތްފަހުން ކްލަބަށް ގެނައި ފުލްޓައިމް 10 ވަނަ ކޯޗެކެވެ.

ލީގުގެ ހަތަރު ވަނާގައި އޮވެ ޗެލްސީން މިދިޔަ ސީޒަން ނިންމާލާފައިވާއިރު، 38 މެޗުން ޖުމްލަ 66 ޕޮއިންޓް ހޯދާފައިވެއެވެ. ނަމަވެސް މިސީޒަންގައި މިހާތަނަށް ކުޅުނު 19 މެޗުން ޗެލްސީއަށް ލިބިފައިވަނީ އެންމެ 29 ޕޮއިންޓެވެ. ހަ މެޗުން ދަށްވެ ފަސް މެޗު އެއްވަރުވެފައިވާއިރު، މޮޅުވެފައިވަނީ އެންމެ 8 މެޗުންނެވެ.

ކުރިން ޗެލްސީއަށް ކުޅުނު ލަމްޕާޑަކީ ޗެލްސީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ޗެލްސީގައި ލަމްޕާޑު ހޭދަކުރި 13 ސީޒަންގައި ޗެލްސީއަށް 648 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 211 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ކުޅުންތެރިޔެއްގެ ގޮތުގައި ޗެލްސީއާއެކު ބޮޑު 11 މުބާރާތެއް ލަމްޕާޑު ކާމިޔާބުކޮށްފައިވެއެވެ.

ރިޕޯރޓްތައް ބުނާގޮތުން ލަމްޕާޑުގެ ބަދަލުގައި ޗެލްސީގެ ކޯޗުކަމަށް ގެންނަން މަސައްކަތް ކުރަނީ ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ