ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުން - ފޮޓޯ: ފުލުހުން

ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބޯޓަރީ ގޮއްވާލަން ހަރުކަށި ފިކުރުގެ މީހުން ރޭވި

ތ. ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް ހަދާ ވަގުތާ ދިމާކޮށް އެތަނުގެ ލެބޯޓަރީ ގޮއްވާލަން ހަރުކަށި ފިކުރުގެ ބަޔަކު ރޭވި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ހަ ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ހައްޔަރުކޮށް ދައުވާކުރި މީހުން:

  • އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ފެހިވިދުވަރު، (34އ.)
  • އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ކެނެރީގެ (32އ.)
  • އަލީ މުނީޒު، ތ.ތިމަރަފުށި/ކެނެރީގެ (28އ.)
  • މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ (34އ.)
  • އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ (18އ.)
  • ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ (20އ.)
  • އިބްރާހިމް ލޫތު، ނ.ކުޑަފަރި/ރޯޒްމީޑް (21އ.)
  • އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ބީޗް ހައުސް (29އ.)

ފުލުހުން ވިދާޅުވީ  މި އެންމެނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސް އާއި ގުޅުން އޮންނަ ބައެއްކަމަށެވެ.

ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ވިދާޅުވީ އެ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާކަމަށެވެ. އެގޮތުން ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.

އައިއެސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރުލިބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުޚާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން" ކަމަށް ފުލުހުން ވިދާޅުވިއެވެ.

އައިސިސްގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ޓެރަރިޒަމްގެ ޢަމަލެއްކުރުމަށް ގޮވާލައި ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި 2021 ޖަނަވަރީ 25 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެމީހުންގެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ