ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ބޮޑު ހަރަކާތެއް!

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތ. ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން، ހަރުކަށި ފިކުރަށް މީހުން ލެނބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުންކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވިނަމަވެސް ފަހުން  މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަނުވާނެކަމަށްބުނެ އެފަރާތްތައް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ދީނީގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާ ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާ ހަވާލުކޮށް އެ ފޮތްތައް ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭކަމަށް ބުނެ އެފިކުރު ގަބޫލުކުރާ މީހުން އެއީ އަހުންކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރު އަޅައި، އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫންކަމަށް ބުނެ އެމީހުންނާ ދުރުވުމަށް ބާރުއަޅައި، މިފަދައިން ހައްލުވާލެވޭ ކުދިންނަށް އެކިގޮތްގޮތުން ފައިސާ ނުވަތަ ތަކެތި ދީގެން އެހީތެރިވެދީ، އެކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުންކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް އެމީހުންނަށް ބާރުއަޅާކަން ފާހަގަކުރެވޭކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި، ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަންޖެހޭކަމަށް ދެކި، އަޚުންގެ ގޮތުގައި ދައްކަދީފައިވާ ފަރާތްތަކަކީ ރަށުގެ އާންމުންނަށް މުހިއްމު ބައެއްކަމަށް ދެކެން ފެށި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ އައިސިސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުންކަމަށް ތަހުގީގަށް ފާހަގަވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އެރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށާއި، އެރަށުގެ އާއްމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކިކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ