ރެއަލްމެޑްރިޑަށް ކުޅެމުން އައި ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑު އާސެނަލް އާއި ގުޅިއްޖެއެވެ.
އުމުރުން 22 އަހަރުގެ އޮޑެގާޑު އާސެނަލްއާއި ގުޅިފައިވަނީ ލޯނު އުޞޫލްގެ ދަށުންނެވެ. މިސީޒަންގެ ބާކީ ބައި އާސެނަލްއާގައި ހޭދަކުރުމަށް އޮޑެގާޑު އެއްބަސްވެފައިވާއިރު، މިއީ މި ޓްރާންސްފާގައި ރެއަލްމެޑްރިޑުން ދޫކޮށްލި ދެވަނަ ކުޅުންތެރިޔާއެވެ. މިމަހުގެ ކުރީކޮޅު މިޑްފީލްޑަރު ލޫކާ ޖޮވިޗްވެސްވަނީ ރެއަލްމެޑްރިޑް ދޫކޮށް ކުރީގެ ކްލަބު ފްރެންކްފާޓަށް ބަދަލުވެފައެވެ.
✍️ It's øfficial… ???? pic.twitter.com/4eV5gNjK3x
— Arsenal (@Arsenal) January 27, 2021
އުމުރުން އެންމެ 16 އަހަރުގައި ރެއަލްމެޑްރިޑާއި ގުޅުނު އޮޑެގާޑަށް އެކްލަބުގެ ފުރަތަމަ 11 ފުރުޞަތު ގެއްލިފައިވާއިރު، މިވީ ދުވަސްތަކުގައި ރެއަލްމެޑްރިޑުން އޭނާވަނީ ލޯނު އުޞޫލުން އެހެން ކްލަބުތަކަކަށް ދޫކޮށްފައެވެ. އޭގެތެރޭގައި ނެދަލެންޑްގެ ހީރެންވީން އަދި ވިޓެއްސޭގެ އިތުރުން ސްޕެއިންގެ ރެއަލްސޮސިޑޭޑް ހިމެނެއެވެ.
މިދިޔަ ސީޒަންގައި ސޮސިޑޭޑަށް ކުޅުނު އޮޑެގާޑު އިތުރު ސީޒަނަކަށް އެކްލަބުގައި މަޑުކުރަން ބޭނުންވިނަމަވެސް، ޒިދާންވަނީ ސީޒަންގެ ފަހުކޮޅު އޭނާ އަނބުރާ ރެއަލްމެޑްރިޑަށް ގެނެސްފައެވެ. އެހެންނަމަވެސް އަނިޔާގެ ސަބަބުންނާއި އަދި ތަފާތު އެހެން ސަބަބުތަކާހެދި ޒިދާން އޮޑޭގާޑު އަނެއްކާވެސް ލޯނު އުޞޫލުން އެހެން ކްލަބަކަށް ދޫކޮށްފައިވާއިރު، މިސީޒަންގައި އޮޑެގާޑު ރެއަލްމެޑްރިޑަށް ލަލީގާގައި ކުޅެދީފައިވަނީ އެންމެ 7 މެޗެވެ. އަދި ޗެމްޕިއަންސް ލީގުގައި ދެ މެޗު ކުޅެދީފައިވެއެވެ.



