ރާއްޖެއިން ބޭރުން ތަރުކާރީއާއި މޭވާ މަކަރާއި ހީލަތުން އެތެރެކޮށް، ނުއަގުގައި ވިއްކާ މައްސަލަތަކެއް!

މަކަރާއި ހީލަތުން  ދިވެހިރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ  މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅެމުން ދިއުމާއި ގުޅިގެން މިފަދަ ކަންކަން ކުރަމުންދާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށައިފިއެވެ.

އެގޮތުން މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވާއިރު، މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު މިފަދަ އެއް މައްސަލަ  ހުށަހެޅިފައިވެއެވެ. އަދި މިގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ޚިލާފަށް ހެޔޮއަގަށް  ވިއްކަމުންދާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިޞާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީހިނދު، ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށްވެސް އެޑިޕާޓްމަންޓުން އިލްތިމާސްކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދުބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިއްވަރުނުދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރައްވައެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާކުރެއްވުމަށްވެސް އެދިލައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ