އަވަށްޓެރި އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން މާދަމާ އެޤައުމުގައި ޖަހަން ފަށާނެކަމުގައި ސްރީލަންކާގެ ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މާދަމާ ލަންކާގެ ވެރިރަށް ކޮލަމްބޯއި ކޮލަމްބޯ ކައިރީގައި ހުންނަ އިތުރު 6 ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާނެއެވެ.
އިންޑިއާއިން ސްރީލަންކާއަށް މިއަދު ވަނީ ކޮވިޝީލްޑް ވެކްސިންގެ 500،000 ޑޯޒް ހަދިޔާކޮށްފައެވެ. މި ވެކްސިން މާދަމާ ޖަހަން ފަށާއިރު ފުރަތަމަ ބުރުގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.
ލަންކާގައި މިހާތަނަށް 60،694 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 290 މީހަކު މި ބަލީގައި މަރުވެފައިވާއިރު، 5،969 މީހަކު މިހާރުވެސް ދަނީ އެބައްޔަށް ފަރުވާ ހޯދަމުންނެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ދާދި ފަހުން ވަނީ ރާއްޖެއަށްވެސް ހަދިޔާކޮށްފައެވެ. އެގޮތުން މިވެކްސިންގެ 100،000 ޑޯޒް ޖެނުވަރީ 20 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.