ތިން ހޮސްޕިޓަލެއްގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކައައި ޙަވާލުކޮށްފިއެވެ.
އެގޮތުން ފެނަކައާއި މަސައްކަތް ޙަވާލުކޮށްފައިވާ ހޮސްޕިޓާތަކަކީ ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް އަދި ރ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގެ އިތުރުން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
މިނިސްޓްރީ އޮފް ހެލްތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ޙަވާލުކޮށްގެން ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ބޯޑެއް ބެހެއްޓުމަށް އެއްބަސްވެފައިވާއިރު، 90 ދުވަހުގެ މިޕްރޮޖެކްޓަކީ 3,474,652.08 (ތިން މިލިއަން ހަތަރުލައްކަ ހަތްދިހަހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ އަށްލާރި) ގެ ޕްރޮޖެކްޓެކެވެ.
އަދި ރ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގައިވެސް 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ބޯޑެއް ބެހެއްޓުމަށް ފެނަކައާއި ޙަވާލުކޮށްފައިވާއިރު، 90 ދުވަހުގެ މިޕްރޮޖެކްޓަކީ 3,290,350.00 (ތިންމިލިއަން ދެލައްކަ ނުވަދިހަހާސް ތިންސަތޭކަ ފަންސާސް ރުފިޔާ) ޕްރޮޖެކްޓެއްކަމަށް މިނިސްޓްރީ އޮފް ހެލްތުންވަނީ ވިދާޅުވެފައެވެ.
ހދ.ކުޅުދުއްފުށި, ރ.އުނގޫފާރު އަދި ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ބޯޑެއް ބެހެއްޓުމަށް @TeamFenaka އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި. pic.twitter.com/QKheUjJfyQ
— Ministry of Health (@MoHmv) January 28, 2021
މީގެއިތުރުން ފެނަކައާއި ޙަވާލުކޮށްގެން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށްވަނީ އެއްބަސްވެފައެވެ. ފުރަތަމަ ޕްރޮޖެކްޓަކީ އެހޮސްޕިޓަލުގައި 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރަކާއި ސިންކްރޮނައިޒް ބޯޑެއް ބެހެއްޓުމެވެ. 90 ދުވަހުގެ މިޕްރޮޖެކްޓުގެ އަގަކީ 3,474,652.08 (ތިން މިލިއަން ހަތަރުލައްކަ ހަތްދިހަހަތަރުހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ އަށްލާރި) އެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި ފެނަކައާއި ގުޅިގެން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހިންގާ ދެވަނަ ޕްރޮޖެކްޓަކީ އެ ހޮސްޕިޓަލުގެ ސީޓީ ރޫމަށް ބޭނުންވާ ކަރަންޓު ގުޅުމަށްޓަކައި އަޅާފައިވާ މައިކޭބަލް ބޯޑަށް ގުޅުމާއި ސީޓީ ރޫމްގައި ޑިސްޓްރިބިއުޝަން ބޮކްސް ބެހެއްޓުމެވެ.
އަދި 30 ދުވަހުގެ މިޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 132,311.25 (އެއްލައްކަ ބައްތިރީސްހާސް ތިންސަތޭކަ އެގާރަ ރުފިޔާ ފަންސަވީސް ލާރި) ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ، މި ހޮސްޕިޓާތަކުގައި ބެހެއްޓޭ 400 ކިލޯވޯޓުގެ ސްޓޭންޑް ބައި ޖަނަރޭޓަރުތަކަކީ ރަށުން ކަރަންޓު ކެނޑޭ ވަގުތުތަކުގައި ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބެހެއްޓޭ ޖަނަރޭޓަރުތަކެއް ކަމަށެވެ.




