ސިއްޙީ ރައްކާތެރިކަމަކީ ތަފާތު ކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ޙައްޤެއްކަމަށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވާރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން ކުރެއްވި ތަޤްރީރުގައި ވިދާޅުވީ، ދިވެހިރާއްޖޭއަކީ ނިސްބަތުން ޞިއްޙީދައިރާއަށް ގިނަގުނަ ހޭދަ ކުރަމުން އަންނަ ޤައުމަކަށް ވީނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތުކަމަށެވެ.
އަދި ހަމައެހެންމެ، ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަމަށާއި، ސިއްޙީ ރައްކާތެރިކަމަކީ ތަފާތު ކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ޙައްޤެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކޮރޯނާ ވައިރަސް މީހުންނާއި ޤައުމުތަކުގެ ތަފާތު ނުދަންނަކަމާއި، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެންކަމުގައެވެ. އަދި ދިވެހިރާއްޖެއަށް ކޯވިޑް-19 ގެ 3 ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާކަމާއި، މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ޤައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަމަށް މިނިސްޓަރ ނަސީމްގެ ތަޤުރީރުގައި ވިދާޅުވިއެވެ.
އަދި މިވަގުތަކީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތުކަމުން، ދޭދޭ ޤައުމުތަކުގެ މެދުގައި ހުރި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުން މުހިއްމުކަމަށާއި، ހަމައެހެންމެ ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ޙާލަތްތައް ދިމާވާނެކަމަށް ބަލާ ޢަމަލުކުރާނެ ގޮތްތަކެއް ދުރާލާ ކަނޑަޅާފައި ބެހެއްޓުން މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތައް ނުވަތަ ކައުނީ ވަބާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކުގެ ޕްލޭންތައް ޤައުމުތަކުގައި ކުރީއްސުރެ ހުރި ނަމަވެސް، މި ޕެންޑަމިކުން އަޅުގަނޑުމެންނަށް ހާމަކޮށްދިން އެއް ޙަޤީޤަތަކީ، އެއްވެސް ޤައުމެއް އަދި މުޅި ދުނިޔެވެސް އޮތީ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެކަމެވެ.
އަދި ތަޤުރީރު ނިންމަވާލައްވަމުން މިނިސްޓަރ ވިދާޅުވީ ޑަބްލިޔު.އެޗް.އޯ އިން ކޯވިޑް-19ގެ ކަންކަމުގައި މެމްބަރު ޤައުމުތަކަށް ފޯރުކޮށްދެއްވާ ފަންނީ ލަފަޔާއި އިރުޝާދު ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.




