ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް (ކޮވިޑް-19) އަށް ބްރެޒިލް އިން ޕޮޒިޓިވްވި މީހުންގެ އަދަދު 9 މިލިއަނަށް އަރައިފިއެވެ.
ކޮވިޑްގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގައި އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި އޮތް ބްރެޒިލް އިން މިހާތަނަށް 9,000,485 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 63,895 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ބްރެޒިލްއަކީ ދުނިޔެއިން 3 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 50،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން ހާހަކަށް ވުރެ ގިނަ މީހުން އެއް ދުވަސް ތެރޭގައި މަރުވި އިރު، އެ ގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 220,237 އަށް އަރައިފައެވެ. އަދި ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ވެސް ބްރެޒިލްއިންނެވެ.
ކޮވިޑް-19 ޖެހިގެން ހަތް މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ބްރެޒިލްގައި ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް އުޅެނީ މަތީގައެވެ. މި ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުން ދަނީ ނުވަ ލައްކަ އަށް ވުރެ ގިނަ މީހުންނެވެ.
އަދި މި ބަލީގައި ސީރިއަސް ހާލަތުގައި ތިބީ 8,318 މީހުންނެވެ. އާބާދީގައި ސަތޭކަ ސާޅީސް ފަސް މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލްގައި މިހާތަނަށް 28 މިލިއަނަށް ވުރެ ގިނަ ޓެސްޓް ހަދާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.



