މާސްކު ނާޅާނަމަ ނަސޭހަތް ދިނުމެއްނެތި ޖޫރިމަނާކުރާނަން - ފުލުހުން

މާލޭގެ މަގުމަތީގައި މާސްކު ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާއި ނުލާ ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް-19 ފެތުރެން ވަނީ ފަށާފައެވެ. އެ ސަރަހައްދުން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. ފާއިތުވެ ތިން ދުވަހުވެސް މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އުޅެނީ 50 އިން މަތީގައެވެ.

އެގޮތުން ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ މާލެ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައެވެ. މިގޮތުން ދަންވަރު ބާރައިން ފަތިހު ހަތަރަކަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. އަދި ސައި ހޮޓާ ކެފޭ ރެސްޓޯރަންޓްތައްވެސް ރޭގަނޑު 11:30 ގައި ބަންދުކުރަން ވަނީ އަންގާފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދީފައިވާ ބާރުގެ ދަށުން މިގޮތަށް ނިންމަވާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، 27 ވަނަ ދުވަހުގެ ރެއިން ފެށިގެން ކާފިއު ވަގުތުގައި ބޭރުގައި އުޅުމަކީ މަނާ ކަމެއް ކަމަށާއި މިކަން ތަންފީޒު ކުރަން ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ. އަދި މާލޭ މަގުތަކުގައި މާސްކު ނާޅާ އުޅޭ މީހުންނަށް ނަސޭހަތް ދިނުމަކާއި ނުލާ ޖޫރިމަނާކުރާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ކޭސްތައް ފެނުމުން އިއުލާންކުރި ފުރަބަންދަށްފަހު ދިން ލުއިތަކާއިއެކު ބޭރުގައި އުޅޭއިރު މާސްކު އެޅުންވަނީ މަޖްބޫރުކޮށްފައެވެ. އެހެންނަމަވެސް މިހާރު މިކަމަށް ސަމާލުކަންދޭ މީހުން މަދުކަން މަގުތަކަށް ބަލާލުމުން ފެނެއެވެ. މާސްކު ނަޅާ މީހުން މީގެކުރިން ޖޫރިމަނާކުރަމުން އައީ 1000 ރުފިޔާއިންނެވެ.

އަލަށް އެޅި ފިޔަވަޅުތަކާއި އެކު މާލޭ ސަރަހައްދުގައި އެއްވުންތަކާއި ޕާޓީތަކާއި ހަފްލާތައްވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި ފަތުރުވެރިން ފިޔަވާ ރާއްޖެއަށް އެތެރެެވާ ހުރިހާ މީހުންވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވުމަށްވެސް ވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ