މެސީ ވިއްކާނުލުމަކީ ބާސެލޯނާއަށް ހެދުނު ގޯހެއް: ރިވާލްޑޯ

މިދިޔަ ހޫނު މޫސުމގެ ޓްރާންސްފާގައި ކެޕްޓަން ލިއޮނަލް މެސީ ވިއްކާނުލުމަކީ ބާސެލޯނާއަށް ހެދުނު ބޮޑު ގޯހެއްކަމަށް ކުރިން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ރިވާލްޑޯ ބުނީ، މާލީ ގޮތުން ބޮޑު އަޑިގަނޑަކަށް ބާސެލޯނާ ވެއްޓިފައިވާއިރު، މިޙާލަތުގައި މެސީ ވިއްކާނުލުމަކީ ބާސެލޯނާގެ ކުރީގެ ބޮޑު މެންބަރުން ހެދި ބޮޑު ގޯހެއްކަމަށެވެ.

ވާދަވެރި ރެއަލްމެޑްރިޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލި ގޮތަށް ރަނގަޅު އަގުގައި މެސީ ވިއްކާލިނަމަ، މިޙާލަތުން އަރައިގަނެ ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ފުރުޞަތު ބާސެލޯނާއަށް ލިބުނީސްކަމަށްވެސް އޭނާ ބުންޏެވެ.

މީގެއިތުރުން މެސީ ބާސެލޯނާ ދޫކޮށްލާނެކަމަށް ބުނަމުން ރިވާލްޑޯ ބުނީ، މެސީ ފަދަ ހުނަރުވެރި ކުޅުންތެރިޔަކު ހިލޭ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށްލުމަކީ ވަރަށް ހިތްދަތި އަސަރެއްކުރާނެކަމަށެވެ.

ރިޕޯރޓްތައް ބުނާގޮތުން ބާސެލޯނާ މިހާރުވެސް އޮތީ 1.173 ބިލިއަން ޔޫރޯގެ ދަރަނީގައެވެ.

ފަހަކަށް އައިސް ބާސެލޯނާގައި މެސީ އާއި ޓީމުގެ ބޯޑު މެމްބަރުންނާ ހިޔާލު ތަފާތުވުންތައް ވަނީ އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ކަންތައްތައް ގޯސްވާން ފެށީ މީގެ ތިން ސީޒަން ކުރިން ބާސެލޯނާ އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ނޭމާ ވިއްކާލުމުންނެވެ. އޭރު ނޭމާ އާއި ބާސެލޯނާ ބޯޑު މެމްބަރުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރިއެވެ.

ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީ އެކްލަބާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޖޫން 30 އަށް ހަމަވާނެއެވެ.

މުޅި ދުނިޔެ ސިއްސުވާލައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް މެސީ ހާމަކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅުއެވެ. އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގައި މަޑުކުރަން މެސީ ނިންމީ ރީތި ގޮތުގައި ކްލަބު ދޫކޮށްލަން ބޭނުންވާތީއެވެ.

ބާސެލޯނާއާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މެސީ ކްލަބު ދޫކޮށްލަން ނިންމިނަމަވެސް، ބާސެލޯނާއިން މެސީއަށް އެފުރުޞަތު ދީފައެއް ނުވެއެވެ.

"ކުލަބާއި ދޭތެރޭ އަހަރެން ހިތްހަމަޔެއް ނުޖެހޭ. އަހަރެން ބޭނުން ކުލަބު ދޫކޮށްދާން. ނަމަވެސް އަހަންނަކަށް އެފުރުސަތެއް ނެއް. އަހަރެން ކުލަބުގައި މަޑުކުރާނަން. އަހަރެން ބޭނުމެއް ނޫން ކުލަބު ގޮވައިގެން ކޯޓަށް ދާކަށް." ގޯލް އަށް ދިން ބަސްތީގަތުމެއްގައި މެސީ ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
111222
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ