2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ޝަކުވަ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ އިންތިޚާބާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެކަމަށެވެ.
އެގޮތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ގަވާއިދާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދާއި، މި އިންތިޚާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" ން ކަމުގައި އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިންތިޚާބާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ އެ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށެވެ.
ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ކަމުގައި އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19އާއި ހެދި ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އެ ތާރީޚްގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް އެކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ. އަދި މި އިންތިޚާބުގައި ވާދަކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.



