އިންތިހާބާ ބެހޭ މައި މަރުކަޒު ތެރޭގައި މިއަދު ހިނގި ކަންކަން ސިޔާސީ ޕާޓީތަކުން ރިޕޯޓުކޮށްފައިވަނީ ހަގީގަތާއި ހިލާފަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ވާދަވެރި ސިޔާސީ ހުރިހާ ޕާޓީތަކަކުންވެސް މިކަން (އިންތިހާބާ ބެހޭ މަރުކަޒު ތެރޭގައި މިއަދު ހިނގި ކަންކަން) ރިޕޯޓްކޮށްފައިވަނީ އެބޭފުޅުންގެ މަސްލަހަތު ހިމާޔަތް ކުރެވޭގޮތަށް ކަމަށެވެ.
"ހަގީގަތަކީ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިހާބާ ބެހޭ މަރުކަޒަށް އައިއިރު އާންމު ބައިވަރު ފަރާތްތައް މިތާ ތިބި، މީހުން ގިނަވަމުންދާވަރަކަށް އަޅުގަނޑުމެން ކޮންވިންސް ކޮއްދެވޭތޯ ބެލީ މިއަދު މިބަލަނީކީ ޝަކުވާއާއި ގުޅިގެން ނަތީޖާއަށް ބަދަލު އައްނާތީވެ ބަޔެއް ފަރާތްތަކުން ވިދާޅުވެފަ އޮއްނަ މައްސަލަތައް ނޫންކަން" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، މިއަދުގެ އެކްސަސައިޒްއަކީ އެއްވެސް ހާލެއްގައި ނަތީޖާއާބެހޭ ގޮތުން އާންމު ފަރާތަކުން، ސިޔާސީ ޕާޓީއަކުން ހުށަހަޅާފައި އޮތް ޝަކުވާއަށް އެޓެންޑް ކުރުމަށްޓަކާ ވޯޓުފޮށި ކަނޑައިގެން ވޯޓު ގުނުމެއް ނޫންކަމަށެވެ. މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި އެކްސަސައިޒްއަކީ ވަގުތީނަތީޖާ އިއުލާންކުރުމަށް ބަޔެއް ނަތީޖާ ޝީޓް ހުރިގޮތުން ބަޔެއް ކަންކަން ޔަގީން ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި އެކްސަސައިޒް އެއްކަމަށެވެ.
އިންތިހާބާ ބެހޭ މައި މަރުކަޒު ކައިރިއަށް މިއަދު އިދިކޮޅު ފަރާތްތަކާއި އަދި އެމްޑީޕީގެ ބަޔެއް އިސްވެރިން އެއްވެ ހިނގި ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށް ފުލުހުން ޕެޕަސުޕްރޭ ޖަހައިފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.