ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕަބްލިކް ލިމިޓެޑް(އެމްޓީސީސީ) އާއިއެވެ.
މިއަދު ސޮއި ކުރެވުނު މި މަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 19،899،963 ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން 870 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޤާއިމްކޮށް ގޮނޑުދޮއް ހިމާޔަތް ކުރުން ވަނީ ހިމެނިފައެވެ.
މި މަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 250 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވީ މި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ހދ. ލައިދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެކަމަށެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީމިއާ ހަމީދުއެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސެއިން މޫސާ އެވެ.