މޫސުން ގޯސްވެ ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެތެރެއަށް މިއަދު ނެރުނު ވައިޓް އެލާޓް ދިގު ދައްމާލައިފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ފަހުން ވައިޓް އެލާޓް ނެރެފައިވަނީ، ށ. އަތޮޅާއި މ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މިއަދު މެންދުރު 12:00 އިން ހަވީރު 18:00 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައިވެއެވެ.
މި އެލާޓުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
Alert White for strong winds of 19-24 mph with rough seas and wave surges. pic.twitter.com/HVZRorZ3qY
— Maldives Meteorology (@MetMaldives) February 2, 2021
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް މެޓްއޮފީހުންވިދާޅުވިއެވެ.




