ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ދާދިދެންމެއަކު ހާޒިރުކޮށްފިއެވެ.
ރައީސް ޔާމިނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އާ މައްސަލައެއްގެ ތަހުޤީގަށް ނޫންކަމަށާއި، އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ބަޔާނެއްގައި ސޮއިކުރަން ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
އެގޮތުން ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، އެމަނިކުފާނު ހާޒިރުކުރަނީ، ކުރިން އެމަނިކުފާނާ ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށްކަމަށްވާތީ އެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
ޔާމީނު ފުލުުހުންގެ އިދާރާއަށް ހާޒިރުކުރި ވަގުތު، ބޮޑު ތަކުރުފާނު މަގުގައި ބެރިކޭޑް ޖަހާ އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިހާރުވެސް އެމަނިކުފާނު ގެންދަވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އޭގެއިތުރުން، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ ރ. ފުއްގިރި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން ވެސް މަނީ ލޯންޑަރ ކުރުމުގެ ދަޢުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.



