އިތުރު ރަށެއްގެ މައްސަލައެއްގައި ޔާމިންއާއި ސުވާލުކޮށް ބަޔާން ނަގައިފި

އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅޭ އިތުރު ރަށެއްގެ މައްސަލައެއްގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްއާއި ސުވާލުކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ފުލުހަށް ހާޒިރުކޮށްފައި ވަނީ އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން ބަލަމުންދާ އިތުރު ރަށެއްގެ މުޢާމަލާތަކާއި ގުޅޭ މައްސަލައެއްގައި ގުޅޭ ގޮތުން ސުވާލުކޮށް ބަޔާންނެގުމަށްކަމަށެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނެފައި ވަނީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އާ މައްސަލައެއްގެ ތަހުޤީގަށް ނޫންކަމަށާއި، އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ބަޔާނެއްގައި ސޮއިކުރަން ކަމަށެވެ.

ޔާމީނު ފުލުުހުންގެ އިދާރާއަށް ހާޒިރުކުރި ވަގުތު، ބޮޑު ތަކުރުފާނު މަގުގައި ބެރިކޭޑް ޖަހާ އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިހާރުވެސް އެމަނިކުފާނު ގެންދަވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އޭގެއިތުރުން، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ ރ. ފުއްގިރި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން ވެސް މަނީ ލޯންޑަރ ކުރުމުގެ ދަޢުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އެމަނިކުފާނަށް ސަޕޯޓްކުރައްވާ ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ