މިއަހަރު މޭއި/ޖޫން ގައި އޭލެވެލް އިމްތިހާނު ކުރިޔަށް ނުގެންދާނެކަމުގައި މިނސްޓްރީ އޮފް އެޑިޔުކޭޝަނުން ހަމަކުރައްވައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް 3 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 18:35 ގައި އިނގިރޭސި ވިލާތުގެ
ޕިއަރސަން އިން ޢާންމުކޮށްފައިވާ ބަޔާނުގައި އޭ.އެސް އޭ ލެވެލް އިމްތިހާނު ތަކާގުޅޭގޮތުން މުހިންމު ނިންމުންތައްކެއް ނިންމާފައިވާކަމަށެވެ.
އެގޮތުން މިއަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދިއުމަށް އެފަރާތުން ވަނީ ނިންމާފައެވެ. އަދި މިއަހަރުގެ މޭ/ޖޫން ގައި އޭ.އެސް އޭ ލެވެލް އިމްތިހާނު ތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް، މި ހިނގާ ފެބުރުއަރީ މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިޢުލާނު ކުރާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަމަށް އެއެފަރާތުން ވަނީ ވިދާޅުވެފައެވެ.
މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށް ގެންދާ އޭ.އެސް/އޭ ލެވެލް ގެ އެޕްލިކޭޝަން މަރުޙަލާ އަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި އެމަސައްކަތް މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ވަނީ އެޑިޔުކޭޝަން މިނިސްޓްރީން އެދިފައެވެ.
މީގެ އިތުރުން އޭ.އެސް/އޭ ލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ވަނީ ދަންނަވާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއިން މި އިމްތިޙާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށްގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް މިހާރު ދަނީ އެޑެކްސެލްއާ އެކު މަޝްވަރާ ކުރެވެމުންކަމަށާއި އަދި މި މަޝްވަރާގައި ދަރިވަރުންނާއި، ސްކޫލްތަކުގެ
ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށެވެ.




